ޕީޕީއެމްގެ ނަމުގައި ސްޕޭމް މެސެޖުތަކެއް ފޮނުވަމުންދާކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ޕީޕީއެމުން މިއަދު ބުނީ ޕީޕީއެމްގެ ނަމުގައި ޑީއެޗްއެލްގެ ލިންކަކާއެކު ސްޕޭމް މެސެޖުތަކެއް ފޮނުވަމުންދާކަމަށެވެ. އަދި އެކަމަށް ސަމާލުވުމަށް ޕީޕީއެމުން ވަނީ އިލްތިމާސް ކޮށްފައެވެ.

“ޕީޕީއެމްގެ ނަމުގައި ޑީއެޗްއެލްގެ ލިންކާއެކު ފޮނުވަމުންދާ މެސެޖްތަކަކީ ސްޕޭމް މެސެޖްތަކެއް ކަމުގައި ދަންނަވަން. އަދި އެ މެސެޖްގައިވާ ލިންކަށް ނުވެންނެވުން އެެެދެން.“ ޕީޕީއެމުން ބުނެފައިވެއެވެ.

ޕީޕީއެމުން ޢާއްމުންގެ ސަމާލުކަމަށް މިކަން ގެނެސްފައިވާއިރު ބައެއް ފަރާތްތަކުން މަކަރާ ހީލަތުން ފައިސާ ހޯދުމަށް ގިނަ އުކުޅުތަކެއް ބޭނުންކުރާކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށްޓަކައި ފޭސްބުކް، އިންސްޓަރގްރާމް ނުވަތަ އެނޫނަސް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ޕޭޖުތައް ހަދައި ޕޯސްޓުތައް ޝެއަރ ކުރަމުންދާކަމަށެވެ. އަދި އެކިކަހަލަ މުދާ އޮންލައިންކޮށް ވިއްކުމުގައިވެސް މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް އެ ޚިދުމަތަށް ހުށަހެޅެމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

އެގޮތުން ކުންފުނިތަކާއި އިދާރާތަކާއި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖު ފޮނުވައިގެން ފައިސާ ފޭރިގެންފައިވާ ގިނަ މައްސަލަތަކެއް ފުލުހުންގެ އިދާރާއިން މިހާރުވެސް ދަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން