ޣައްޒާއަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ކުރަމުންދާ ކަމެއް ކަމުގައި ރޫސީ ވިލާތުން ބުނެފިއެވެ.

ރޫސީވިލާތުން މިހެން ބުނެފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އަސީރުކުރި ރަޝިޔާއަށް ނިސްބަތްވާ 8 މީހަކު ދޫކޮށްލުމުގެ މަަސައްކަތްކުރަމުން ދަނިކޮށެވެ. މި 8 މީހުންނަކީ 7 އޮކްޓޫބަރުގައި ހަމާސްއިން ދިން އިޒްރޭލު ސިއްސުވާލި ހަމަލާގައި ހަމާސްއިން ރަހީނުކުރި 200 ވަރަކަށް މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ.



"ޓެރަރިޒަމް ކުށްވެރިކުރާއިރު، ރަހީނުކޮށްފައިވާ މީހުން ހިމެނޭ ގޮތަށް އާންމުން ތިބިކަން އެނގޭ ތަންތަނަށް ހަމަލާދިނުމަކީ ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފުވެގެން، ޓެރަރިޒަމަށް ރައްދު ދެވިދާނެ ކަމެއް ކަމަށް އަހަރެމެން އެއްބަހެއް ނުވަން." ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރްގޭ ލެވްރޯވް ވިދާޅުވިއެވެ.

އިޒްރޭލާއި އިޒްރޭލުން ބޭރުގެ ބައެއް ސިޔާސީ ބޭފުޅުން ހުށަހަޅާ ގޮތަށް ޣައްޒާއަށް ހަމަލާދީގެން ދެ މިލިއަން މީހުން ގެދޮރުން ބޭރުކޮށްލިއްޔާ، މިއީ ގަރުނުތަކެއް ނޫންނަމަ އެތައް އަހަރެއް ވަންދެން ބޮޑު ޖަރީމާއެއް އުފެދިގެންދާނެ ކަމެއް ކަމަށް ލެވްރޯވް ވިދާޅުވިއެވެ.

ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ މޫސާ އަބޫ މަރްޒޫކްއާއި ހަވާލާދީ ރަޝިޔާގެ މީޑިއާއިން ރިޕޯޓްކުރާގޮތުގައި ހަމާސްއިން ވަނީ އެޤައުމަކީ ހަމާސްގެ "ގާތް އެކުވެރިއެއް"ގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ރަޝިޔާއިން ހަމާސްއަށް ފޯރުކޮށްދިން ލިސްޓުގައި ހިމެނޭ ރަޝިޔާ ރަހީނުން ދެނެގަނެގެން އެމީހުން ދޫކޮށްލުމުގެ އުންމީދު ބޮޑު ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ހަމާސްއިން ބުނީ އެމީޙުން ހޯދަން އުނދަގޫވިޔަސް އެމީހުން ދެނެގަނެވުމުން ޔަގީނުންވެސް އަނބުރާ ޤައުމަށް ފޮނުވާދޭނެ ކަމަށެވެ. އިޒްރޭލުން ވަނީ މަރްޒޫކްއާއި މަޝްވަރާކުރުމަށް ރަޝިޔާއަށް އައުމަށްވެސް ދައުވަތުދީފައެވެ. މި ނިންމުމުގެ ސަބަބުން ރަޝިޔާއަށް އިޒްރޭލުގެ ނުރުހުންވުން އަމާޒުވިއެވެ. އަދި ހަމާސްގެ މެންބަރުން ރަޝިޔާއަށް އައުން ހުއްޓުވާލުމަށްވެސް އިޒްރޭލުން ގޮވާލިއެވެ.

"އަޅުގަނޑުމެންގެ އެމްބެސެޑަރ އިޒްރޭލާއިއެކު ގާތް ގުޅުމެއް ބާއްވާ މިހާރުވެސް" މިކަމާއި ގުޅޭގޮތުން ލެވްރޯވް ވިދާޅުވެފައި ވެއެވެ.

އަނެއްކޮޅުން ރަޝިޔާއިން ޔޫކްރެއިނާއި ހަނގުރާމަ ކުރަމުންދާތީ އެޤައުމަށް ހުޅަނގުގެ ފާޑުކިޔުމާއި ފިއްތުންތައް އަންނަނީ ކުރިމަތި ކުރަމުންނެވެ. މި ފާޑުކިޔުންތަކަށް ރައްދުދެމުން ރަޝިޔާއިން ބުނީ އެޤައުމުން ހަމަލާދެނީ ހަމައެކަނި ޔޫކްރެއިންގެ އަސްކަރީ ބޭސްތަކަށް ކަމަށެވެ. އަދި ޢާންމުންނަށް އަމާޒުކޮށް ހަމަލާތައް ނުދޭ ކަމަށް ރަޝިޔާއިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން