ހަމާސް ކޮމާންޑް ސެންޓަރެއް އަލް-ޝިފާ ހޮސްޕިޓަލްގައި ނުހުންނާނެ ކަމަށް އެ ހޮސްޕިޓަލްގައި 16 އަހަރު ވަންދެން މަސައްކަތްކުރި ނޯވޭޖިއާގެ ޑޮކްޓަރު މެޑްސް ގިލްބަރޓް ބުނެފިއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ޑޮކްޓަރެއް އަދި އެކްޓިވިސްޓެއް ކަމުގައިވާ ޑރ. ގިލްބާޓް މިހެން ބުނެފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން ހޮސްޕިޓަލަށް ހަމަލާދޭން ދައްކާ ބަހަނާއަށް ރައްދުދެމުންނެވެ.

"އެކަމުގެ އެއްވެސް ހެއްކެއް ނެތް. އެތަނަކީ އަސްކަރީ ކޮމާންޑް ސެންޓަރެއް ނަމަ، އަހަރެން އެތާކު މަސައްކަތެއް ނުކުރާނަން. އަހަރެން މިއީ އެތާ ތެރޭގައި ނިދާ ހަދާ މީހެއް. އެތަނުގެ ހުރިހާ ދިމާލެއްގައި އަހަރެންނަށް މިނިވަންކަމާއި އެއްކޮށް ހިނގާބިނގާ އުޅެވޭ. ހުރިހާ ތަނެއްގެ ފޮޓޯއާއި ވީޑިއޯވެސް ނެގޭ." އޭނާ ބުނެފައި ވެއެވެ.



އޭނާ ބުނީ 2009 އާއި 2014 ވަނަ އަހަރުގައިވެސް އިޒްރޭލުން އެ ހޮސްޕިޓަލަކީ އަސްކަރީ ހަރަކާތްތައް ހިންގާ ހޮސްޕިޓަލެއް ކަމަށް ބުނެ އެ ހޮސްޕިޓަލަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށެވެ. އެ ހޮސްޕިޓަލަކީ ހަމާސްގެ ކޮމާންޑް ސެންޓަރެއް ކަމަށްވާނަމަ އެކަމުގެ ހެކި ދައްކަން އޭނާ ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލާފައެވެ.

"އަހަރެން ނަތަންޔާހޫއަށް ގޮންޖްހާލާފަ މިބުނަނީ އެކަމުގެ ހެކި ދައްކާށޭ. އިޒްރޭލް އަތުގައި ހުންނާނެ އެތަނަކީ ކޮންތަނެއްކަން އެނގޭވަރުގެ ހެކި. ވިޑިއޯކޮށް ސްކޭންކޮށް ބެލެން ހުންނާނެ. އަހަރެން މިބުނަނީ ހެކި ދައްކާށޭ. އަހަރެން އެންމެ ދުވަހަކު ވެސް އެތާކު މަސައްކަތެއް ނުކުރާނަން އެތަނަކީ އެކަހަލަ ކޮމާންޑް ސެންޓަރެއް ނަމަ" ޝިފާ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ގެންދާތާ 16 އަހަރުވެފައި ޑރ. ބުނެފައި ވެއެވެ.



އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޑރ. ގިލްބާޓް ވަނީ ގާޒާގައި ހިންގާ ޤަތުލުޢާންމު ހުއްޓުވުމަށް ގޮވާލާފައެވެ.

ޣައްޒާގައި އޭނާ ކުރަމުންދާ ސިއްހީ މަސައްކަތްތައް ހުއްޓުވުމަށް އިޒްރޭލުން ވަނީ މީގެ ކުރީގައި ވެސް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް، ޑރ. ގިލްބާޓް ވަނީ ޣައްޒާ ރައްޔިތުންނާއިއެކު ސާބިތުކަމާއިކަމާއެކު ހުންނާނެކަން ހާމަކޮށްފައެވެ.

އިޒްރޭލުން މިހާރުވަނީ ޝިފާ ހޮސްޕިޓަލް ހުސްކުރުމަށް އަންގައި އެ ތަނުގެ ވަށައިގެން ވާ ސަރަހައްދުތަކަށް ހަމަލާދޭން ފަށާފައެވެ. އިޒްރޭލުގެ އުދުވާނުގައި އަނިޔާ ލިބިފައިވާ ދެހާހެއްހާ މީހުންނަށް ފަރުވާދެމުންދާ މި ހޮސްޕިޓަލަކީ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އެތައް ބަޔަކު ވަގުތީ ހިޔާވަހިކަމާއި ރައްކާތެރިކަން ހޯދަމުންދާ ތަނެކެވެ. އެތަނުގައި ތިބި ބަލި މީހުންގެ ތެރެއިން ގިނަ ބަޔަކީ ވަރަށް ސީރިއަސް ހާލުގައި ތިބި މީހުން ކަމަށާއި އެމީހުން ހޮސްޕިޓަލުން ނެރެފި ނަމަ ފުރާނައަށް ގެއްލުންވާނެ ކަމަށް ވެސް ޑރ. ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން