ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އިނާޔަތެއް ދޭން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅަން އެމްޑީޕީން ނިންމައިފިއެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ ހުށަހަޅުއްވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

އާޒިމް ހުށަހަޅުއްވާ މައްސަލައިގައި ވިދާޅުވެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިޢުލާން ކުރައްވާފައިވާ 2.5 ބިލިއަން ރުފިޔާގެ ޚާއްޞަ އިޤްތިޞާދީ އެހީގެ ޕްރޮގްރާމްގެ ދަށުން، ވަޒީފާ ގެއްލޭ ފަރާތްތަކާއި ދުވަހު މުސާރައަށް އުޅޭ ފަރާތްތަކަށް އުޖޫރައެއް ދޭން ހިމެނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ނަމަވެސް އުޖޫރަ ދޭން ޖެހޭނީ އިޤްތިޞާދަށް ފައިދާވާ މަސައްކަތެއް ކުރަން ޝަރުތުކޮށް، ކުރާ މަސައްކަތެއްގެ ސަބަބުން އިޤްތިޞާދުގެ އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތަކަށް ރާވައިގެން ކަމަށް މައްސަލައިގެ ކަރުދާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ބޮޑެތި ރަށްރަށް ފާހަގަކޮށް، ދަނޑުވެރިކަން ފުޅާކުރުމާއި، މަސް ރައްކާ ކުރެވޭނެ ގޮތް ހަދައި ރާއްޖެއާއި ދުނިޔޭގެ ބާޒާރަށް ދިވެހި މަހުގެ އުފެއްދުންތައް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ޕެކޭޖެއް ހިމެނިދާނެ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމާއި އިޖުތިމާޢީ ގުޅުންތަކުގައި ދުރުމިން ގެންގުޅުމަށް ކަމާބެހޭ ފަރާތަކުން އަގަވާފައިވާތީ މަޖިލީހުގެ ޖަލްސާތައް ވެސް ވަނީ މެދު ކަނޑާލާފައެވެ. ނަމަވެސް ހޯމަ ދުވަހުން ފެށިގެން ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް އަލުން ފަށާ ގޮތަށް މިހާރު ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން