ޔަމަނުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ހަމަލާ ދޭން ފަށައިފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ ޔަމަނުގެ ހޫތީ ޖަމާއަތުން އެގައުމުން އިޒްރާއީލަށް ދެމުންދާ ހަމަލާތަކުގެ ޒިންމާ އުފުލުމަށްފަހުއެވެ.

ޔަމަނުގެ ހޫތީން ބުނާ ގޮތުގައި އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، އިސްރާއީލަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތަކުން ވަނީ ހަމަލާ ދީފައެވެ. އަދި މިހަމަލާތައް ވަރުގަދަކޮށް އިތުރު ހަމަލާތަކެއް އަންނާނެ ކަމުގެ އިންޒާރުވެސް ހޫތީން ވަނީ ދީފައެވެ.

މިކަމާއި ގުޅިގެން ހޫތީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ނެރުނު ބަޔާނެއްގައި މި އޮޕަރޭޝަނަކީ އިސްރާއީލަށް އަމާޒުކޮށްގެން ހިންގާ ތިންވަނަ އޮޕަރޭޝަން ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޣައްޒާގެ ސަރަހައްދުގައި ހަމާސްއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް އިޝާރާތްކޮށް ސާރީ ބުނީ އިޒްރޭލުގެ އުދުވާނީ އަމަލުތައް ހުއްޓުވަންދެން ހޫތީންގެ ހަމަލާތައް ދެމިގެންދާނެ ކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން ޣައްޒާއިން އިސްރާއީލުގެ ސަރަހައްދަށް ވަދެ ހަމަލާދޭން ފެށުމުން، އެކަމުގެ ރައްދުގައި އިސްރާއީލުން ވަނީ ޣައްޒާ ސްޓްރިޕް މުޅިން ބަންދުކޮށް، ފަލަސްތީނުގެ އާންމު ރައްޔިތުންނަށްވެސް ބެލުމެއް ނެތި ހަމަލާ ދޭން ފަށާފައެވެ.

މިހަމަލާތަކުގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް ފެނާއި، ކާބޯތަކެއްޗާއި، ސިއްހީ ފަރުވާއަށް ބޭނުންވާނެ ސާމާނު ފޯރުކޮށްދިނުމަށްވެސް ހުރަސްއަޅާފައިވެއެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންދާ މިހަމަލާތައް ފެށުމާއިއެކު، އަވަށްޓެރި ލުބުނާނު ބޯޑަރު ސަރަހައްދުން ހިޒްބުالله ޖަމާޢަތުންވެސް ދަނީ އިސްރާއީލާއި ދެކޮޅަށް ހަމަލާ ދެމުންނެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަރުގަދަ ވާން ފެށުމާއެކު، ޔަމަނުގެ ހޫތީ ލީޑަރު އަބްދުލްމަލެކް އަލް ހޫތީ އޮކްޓޯބަރު 10 ވަނަ ދުވަހު ވަނީ ޣައްޒާގެ ހަމަނުޖެހުންތަކަށް އެމެރިކާއިން ސީދާ ވަދެއްޖެނަމަ އެ ޖަމާއަތުން ޖަވާބުދާރީވާނީ ޑްރޯންތަކާއި މިސައިލްތަކުން ކަމަށް ބުނެފައެވެ.

އިސްރާއީލުން ހަމަލާތައް ވަރުގަދަ ކުރަންފެށިތާ ތިން ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިހަމަލާތަކުގައި ފަލަސްތީނުގެ 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން