އިސްރާއީލުގެ އަސްކަރިއްޔާއިން އަލް ޝިފާ ހޮސްޕިޓަލް ކޮމްޕްލެކްސްގެ ގޯތިތެރެއަށް ހަމަލާދީފި އެވެ.

އަލް-ޝިފާ ހޮސްޕިޓަލަކީ އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ހިޔާވަހިކަން ހޯދަމުންދާ ވެސް ތަނެކެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ޝިފާ ހޮސްޕިޓަލްގެ އިތުރުން ކުޑަކުދިންގެ ދެ ހޮސްޕިޓަލެއް ކަމަށްވާ އަލްރަންތިސީ އާއި އަލްނަޞްރަށްވެސް ބޮމުގެ ހަމަލާތައް ދީފައިވާ ކަމަށެވެ.

"އިސްރާއީލުން މިހާރު މި ނުރައްކާތެރި ހަމަލާތައް ދެނީ ހޮސްޕިޓަލްތަކުގެ މަސައްކަތް ހުއްޓުވައި، އެތަންތަނުގައި ހިޔާވަހިކަން ހޯދާ މީހުންގެ އިތުރުން ބަލިމީހުންނާއި ސިއްހީ މަސައްކަތްތެރިންވެސް އެތަނުން ބޭރުކުރުމަށް،" މިނިސްޓްރީގެ އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.



އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އަބޫ ސަލްމިޔާ ވިދާޅުވީ ހަމަލާގެ ސަބަބުން ގޯތިތެރޭގައި ތިބި ގިނަ އަދަދެއްގެ ނޫސްވެރިންގެ ކައިރީގައި ތިބި އާންމުންނަށް އަނިޔާވެފައިވާ ކަމަށާއި އެތަނުގައި ތިބި ދެ ނޫސްވެރިޔަކުވެސް ޒަހަމްވެފައިވާ ކަމަށެވެ.

"އޭގެ ކުރިން ހޮސްޕިޓަލާ ވަރަށް ކައިރީގައި ހުރި އިމާރާތަކަށް ބޮން އެޅި. ހަމަލާތައް ނުދޭ ވަގުތުކޮޅެއް ނުދޭ. ހޮސްޕިޓަލުގެ ގިނަ ކުޑަދޮރުތައް ފަޅައިގެން ގޮސްފައިވާއިރު، ސިއްހީ މަސައްކަތްތެރިންނާއި، ބަލިމީހުންނާއި ގެދޮރު ގެއްލިފައިވާ މީހުންގެ މެދުގައި ބިރުވެރިކަމާއި ހާސްކަން ވަނި އުފެދިފައި." ސަލްމިޔާ ވިދާޅުވިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ހޮސްޕިޓަލް ހުރި ތަނުގައި ކޮމާންޑް ސެންޓަރެއް ހިންގާ ކަމަށާއި އޭގެ ތެރޭގައި ހަމާސްގެ ފުޅާ ޓަނަލް ނެޓްވޯކަށް ވަންނަ ދޮރުތައް ހިމެނޭ ކަމަށެވެ.

"ހަމާސްގެ ޓެރަރިސްޓުން އޮޕަރޭޓް ކުރަނީ [އަލްޝިފާ] ހޮސްޕިޓަލްގެ އެތެރެއާއި ދަށުގައި އަދި ޣައްޒާގެ އެހެން ހޮސްޕިޓަލްތަކުގެ ތެރޭގައި،" އަސްކަރިއްޔާގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގަރީ މިދިޔަ މަހު ބުނެފައި ވެއެވެ.

ހަމާސް އާއި ހޮސްޕިޓަލުގެ އޮފިޝަލުން ވަނީ އިޒްރޭލްގެ އަސްކަރިއްޔާގެ މިވާހަކަތައް ދޮގުކޮށްފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ފާއިތުވި ހަފްތާތަކުގައި ތަކުރާރުކޮށް އެ ހޮސްޕިޓަލް ހުސްކުރަން އަންގާފައެވެ.

މިހަމަލާއާއި ގުޅޭގޮތުން އިޒްރޭލު އަސްކަރިއްޔާއިން އަދި ވާހަކަދައްކާފައެއް ނުވެއެވެ.

މިދިޔަ ހަފްތާގައި އިސްރާއީލުގެ އަސްކަރިއްޔާއިން އަލް- ޝިފާ ހޮސްޕިޓަލުގެ ބޭރުގައި އޮތް އެމްބިއުލާންސަކަށް އަމާޒަކުރި ބޮމުގެ ހަމަލާގައި 15 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ.

ހޯމަ ދުވަހު އަލްޖަޒީރާ އާއި ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިން ވަނީ އަލް-ޝިފާ މެޑިކަލް ކޮމްޕްލެކްސްއަށް ކަރަންޓް ފޯރުކޮށްދޭ ސޯލާ ޕެނަލްތަކަށްވެސް ހަމަލާ ދީފައެވެ. އިސްރާއީލުގެ އޮފިޝަލުން ވަނީ އެ އަމަލަށް އިންކާރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން