ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލްގެ އިންކިއުބޭޓަރތަކުގައި ތިބި 39 ތުއްތު ކުދިން މަރުވެއްޖެއެވެ.

ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން އިންކިއުބޭޓަރތަކުގައި ތިބި މި ކުދިން މަރުވީ އިޒްރޭލުގެ ސިފައިން ރެއިއްސުރެ ހޮސްޕިޓަލްގެ ކަރަންޓް ކަނޑާލުމާއި ގުޅިގެންނެވެ. އޮކްސިޖަން ނުލިބުމުގެ ސަބަބުން މިއަދުގެ ވަގުތެއްގައި އެކުދިން ވަނީ މަރުވެފައެވެ.



އަލްޖަޒީރާއަށް މަޢުލޫމާތު ދެމުން ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރ ބުނީ އެ ހޮސްޕިޓަލްގައި "މީހަކު ކިރިޔާ ގުޑާލިޔަސް އިޒްރޭލުން ހަމަލާ އަމާޒު" ކުރަމުންދާ ކަމަށެވެ. އަދި ހޮސްޕިޓަލްގެ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް ޒަޔަނިސްޓް އަސްކަރިއްޔާއިން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

ފަލަސްތީން ރެޑް ކްރެސެންޓް ޖަމިއްޔާއިން ބުނީ އިޒްރޭލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ހަމަލާ ދެނީ ޣައްޒާގައި ތިބި ރައްޔިތުން އެޤައުމުން ބޭރުކުރުމަށްޓަކައި ކަމަށެވެ. ޣައްޒާގެ އުތުރުގައި ތިބި މީޙުން އެސިޓީގެ ދެކުނަށް ބަދަލުވުމަށް އިޒްރޭލުން ވަނީ އަމުރުކޮށްފައެވެ. އިއްޔެއާއި މިއަދު ޣައްޒާގެ އުތުރުގައި ތިބި މީހުންގެ ތެރެއިން 100،000 ވަރަކަށް މީހުން ވަނީ ޣައްޒާގެ ދެކުނު ސަރަހައްދަށް ބަދަލުވެފައެވެ.

އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 11،078 މީހުން ވަނީ ޝަހީދުވެފަވެއެވެ. ފަލަސްތީންގެ ގިނަ އަދަދެއްގެ މީހުން ޝަހީދުވަމުންދާއިރު އިޒްރޭލުން ބުނީ 7 އޮކްޓޫބަރުގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއެއްގައި 1200 މީހުން މަރުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް، ފާއިތުވީ ދުވަސްތަކުގައި އެޤައުމުން ބުނަމުންދިޔައީ ހަމާސްއިން އެ ދުވަހު މަރާލާފައިވަނީ 1400 މީހުން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ހަމަލާ ދިން ދުވަހު ގިނަ އާންމުން މަރުވެފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި ކަމަށް މަންޒަރު ދުށް އިޒްރޭލުގެ ޢާންމުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން