ފަލަސްތީންގެ ޢާންމުންނަށް އަމާޒުކޮށް ބޮމުގެ ހަމަލާތައް ދިނުން ހުއްޓާލުމަށް އިޒްރޭލަށް ތާއީދުކުރާ ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން ގޮވާލައްވައިފިއެވެ.

މެކްރޯން ވަނީ އޭނާއާއި އެއްކޮށް އެމެރިކާ ފަދަ ހުޅަނގުގެ އެހެން ލީޑަރުންވެސް ފަލަސްތީންގެ ރައްޔިތުން ޤަތުލުކުރުން ހުއްޓާލުމަށް ގޮވާލެއްވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"ގަތުލުޢާންމު ހިންގުމަށް އެއްވެސް ޖާއިޒު ސަބަބެއް ނެތް." ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި މެކްރޯން ވިދާޅުވިއެވެ.

މެކްރޯން ވަނީ ހަމާސްގެ "ޓެރަރިސްޓް" އަމަލުތައް ފްރާންސުން "ސާފުކޮށް ކުށްވެރިކުރާ" ކަމަށާއި އަދި އިސްރާއީލަށް ޤައުމު ދިފާއުކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ގަބޫލުކުރެއްވި ނަމަވެސް ޣައްޒާއަށް ބޮން އެޅުން ހުއްޓުވުމަށް އިލްތިމާސް" ކުރައްވާފައެވެ.

އެމެރިކާއިން ވަނީ ހަނގުރާމަ މުޅިން ހުއްޓާލުމަށް ގޮވާލާ ގޮވާލުންތަކަށް ތާއީދު ކުރަން ދެކޮޅު ހަދައި، އޭގެ ބަދަލުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ޣައްޒާގައި ވަގުތީ ގޮތުން ހަމަލާތަެް މަޑުޖައްސާލުމަށް ގޮވާލާފައެވެ.

އިޒްރޭލުން ބުނީ ހަނގުރާމަ ހުއްޓާލައިފިއްޔާ، ހަމާސްއިން ރާވާ ރޭވުންތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.

މެކްރޮންގެ ވާހަކަތަކަށް ރައްދު ދެމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުނު ބަޔާނެއްގައި ވިދާޅުވީ ދުނިޔޭގެ ލީޑަރުން އިޒްރޭލުގެ ބަދަލުގައި ހަމާސް ކުށްވެރިކުރަން ޖެހޭ ކަމަށެވެ.

"ޣައްޒާގައި މިއަދު ހަމާސްއިން [ހިންގަމުންދާ] މި ޖަރީމާތައް މާދަމާ ހިންގާނީ ޕެރިހާއި ނިއުޔޯކާއި ދުނިޔޭގެ ކޮންމެވެސް އެހެން ތަނެއްގައި." ނަތަންޔާހޫ ވިދާޅުވެފައި ވެއެވެ.

ހަނގުރާމަ ހުއްޓާލުމަށް މެކްރޯން ގޮވާލެއްވި ނަމަވެސް މި ހަނގުރާމަ ފެށީއްސުރެ އޭނާ ވަނީ ފްރާންސްގައި ފަލަސްތީނާއި އެއްކޮޅަށް ތާއީދުކުރުން މަނާކުރައްވާފައެވެ.

7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވީ މީހުންގެ އަދަދު ވަނީ 11،000 އަށްވުރެ މައްޗަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން