ޣައްޒާއާ ގުޅޭގޮތުން ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވި ސަމިޓްގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ނިމުމަކަށް ގެނައުމަށް އިޒްރޭލާއި ދެކޮޅަށް އެޅޭނެ ފިޔަވަޅުތަކާއި ގުޅޭގޮތުން އަރަބި، އިސްލާމީ ލީޑަރުން މަޝްވަރާކުރައްވައިފިއެވެ.

އިސްލާމިކް-އަރަބި ޖޮއިންޓް ސަމިޓުގައި ވަނީ ފަލަސްތީނުގެ އެކި ސަރަހައްދު ތަކުގައި "އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް" ތަހުގީގު ކުރުމަށް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް އިލްތިމާސްކޮށްފައެވެ.

މި ސަމިޓްގައި އީރާނުގެ ރައީސް އިބްރާހިމް ރައިސީ އާއި ތުރުކީގެ ރައީސް ޠައްޔިބު އުރުދުޣާން އާއި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޡާނީ އަދި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ބައިވެރިވެވަޑައިގަތެވެ.

އަރަބި ލީގްގައި ހިމެނޭ މި އެންމެހާ ލީޑަރުން ވަނީ ހަނގުރާމަ ހުއްޓުވުމަށް އިޒްރޭލަށް ބާރުއެޅުމަށް އެމެރިކާއަށްވެސް ގޮވާލާފައެވެ. އަދި އިޒްރޭލާއި ދެކޮޅަށް އެޅޭނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.



ސައުދީގެ ވަލީ އަހުދު ސަލްމާން ބުން މުޙައްމަދު ވަނީ އިޒްރޭލުން ފަލަސްތީނުގައި ތިބި "މުސްލިމު އަޙުންނާއި" ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރައްވާފައެވެ.

"ކުރިމަތިވެފައި މިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އިސްރާއީލުން ފާޅުކަން ބޮޑު ގޮތެއްގައި ވަމުންދާ ހިލާފުވުންތަކަށް ނިމުމެއް ގެނައުމަށް ސަލާމަތީ މަޖިލީހާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ނާކާމިޔާބުވީކަން ސާބިތުކޮށްދޭ އިންސާނީ ކާރިސާއަކާ." އެމަނިކުފާނު ވިދާޅުވެފަވެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސީ ވަނީ އިޒްރޭލަށް ތެޔޮ އެތެރެކުރުން ހުއްޓުވުމަށް އަރަބި ލީގާއި މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ހަމާސް ޖަމާއަތުން ފަލަސްތީނުގެ މިނިވަންކަމަށް ކުރަމުންދާ މަސައްކަތަށް ތައުރީފުކުރައްވާފައެވެ.

"ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލަކީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ވުރެ މަތީގައި އޮތް ތަނެއް ގޮތަށް ކަންތައް ކުރާނީ ކިހާ ދުވަހަކު ހެއްޔެވެ؟" ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ގަތަރުގެ އަމީރު ސުވާލު ކުރައްވާފައި ވެއެވެ.

މީގެ އިތުރުން ޣައްޒާ އިސްތިއުމާރުކުރުން ހުއްޓާލުމާއި އިންސާނީ އެހީ ހޯދުމާއި އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމާއި ބެހޭގޮތުން ވެސް ސަމިޓުގައި ވަނީ މަޝްވަރާ ކޮށްފައެވެ.

މި ސަމިޓްގައި އަލްޖީރިއާ ތަމްސީލުކުރައްވާ ބޭފުޅުން ވަނީ އިޒްރޭލާއިއެކު އޮންނަ ޚާރިޖީ ގުޅުން އެއްކޮށް ކަނޑާލުމަށް ޚިޔާލު ދެއްވާފައެވެ. އެހެން ނަމަވެސް، ބައެއް އަރަބި ޤައުމުތަކުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އެޤައުމުތަކުން ބުނީ އިޒްރޭލުގެ ބަޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ކުރާ ކަންތައްތައް ދެނެެގަތުން މުހިންމު ކަމަށެވެ.

ތެލް އަވީވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަރަބި ލީޑަޝިޕަށް "ހަމާސްއާ ދެކޮޅަށް ތެދުވުމަށް" އިލްތިމާސް ކުރައްވާފައެވެ.

"ހަމާސްގެ ސަބަބުން ޣައްޒާއަށް ގެނައީ އެންމެ ދެ ކަމެއް - ފަގީރުކަމާއި ލޭއޮހޮރުވުން. ހަމާސް އަކީ އީރާނުން އިސްކޮށް ހަރަކާތްތެރިވާ ޓެރަރިޒަމްގެ ގުރުދާގެ މުހިންމު ބައެއް. ޓެރަރިޒަމް އާއި ނަފްރަތުގެ އެ ގުރުދާ މުޅި ދުނިޔެއަށާއި މުޅި އަރަބި ދުނިޔެއަށް ނުރައްކާކުރާނެ" ނަތަންޔާހޫ ވިދާޅުވިއެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގާ އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގައި 11،078 ފަލަސްތީން މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ކުޑަކުދިން ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން