ސިއޭރާ ލިއޯންގެ ވެރިރަށް ފްރީޓައުންގެ އަސްކަރީ މަރުކަޒަކަށް މިއަދު ހަތިޔާރުއެޅި ބަޔަކު ހަމަލާދީ، ހަތިޔާރު ގުދަނަކަށް ވަންނަން މަސައްކަތް ކުރުމުން މުޅި ގައުމުގައި ކުއްލި ޙާލަތު އިއުލާންކޮށްފިއެވެ.

ސިއޭރާ ލިއޯން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަލާމަތީ ބާރުތަކުގެ ކޮންޓްރޯލަށް ޙާލަތު އަލުން ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ވަކި ގޮތެއް އަންގަންދެން ހުރިހާ އެންމެންވެސް ގޭތެރޭގައި ތިބުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

"އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވިލްބަރފޯސް ކޮށީގައި ހުރި އަސްކަރީ ހަތިޔާރު ގުދަނަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެފައިވޭ. އޭގެ ތެރެއިން އެކަކު އެތަނުން ދަމުން ބުނީ ޢާންމު ރައްޔިތަކަށް އަނިޔާނުކުރާނެ ކަމަށް." މިކަމާއި ގުޅޭގޮތުން އިންފޮމޭޝަން މިނިސްޓަރު ޗެރްނަރ ބާހު ވިދާޅުވިއެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ފްރީޓައުންގެ މަރުކަޒީ ޖަލު ހުޅުވާފައި ހުރުމުން ބައެއް ގައިދީން ވަނީ ޖަލުން ފިލައިގެން ގޮސްފައި ކަމަށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ރިޕޯޓެއްގައިވާ ގޮތުން 324 ގައިދީން ތިބުމަށް ފަރުމާކޮށްފައިވާ މި ޖަލުގައި 2019 ވަނަ އަހަރު 2،000 އަށްވުރެ ގިނަ މީހުން ބަންދުކޮށްފައި ވެއެވެ.

ޖަލުން ފިލީ ކިތައް މީހުން ކަމެއް ސާފު ނުވި ނަމަވެސް ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި ޖަލުގެ ސަރަހައްދުން ބައެއް މީހުން ފިލައިގެން ދިޔައިރު ފަހަތުން ބަޑިޖަހާ އަޑު އިވެމުން ދިޔައެވެ.

މި ހާދިސާ ހިނގާފައިވަނީ ސިއޭރާ ލިއޯނުގެ މިހާރުގެ ރައީސް، މާޑާ ބަޔޯގެ ސަރުކާރާއި ދޭތެރޭ ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

2020 ވަނަ އަހަރުން ފެށިގެން ހުޅަނގު އަދި މެދުތެރޭ އެފްރިކާގައި 8 އަސްކަރީ ބަޣާވާތެއް ހިންގާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް