ހައްދުފަހަނައަޅާފައިވާ އިޒްރޭލުން އަނެއްކާވެސް ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފަށައިފިއެވެ.

އިޒްރޭލު ސިފައިން ޣައްޒާއަށް މިއަދު ހަމަލާދޭން ފެށީ 7 ދުވަހުގެ މެދުކެނޑުމަަކަށްފަހުއެވެ. ހަމަލާ ދޭން ފެށިތާ 2 ގަޑިއިރު ތެރޭގައި ފަލަސްތީންގެ 9 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފަވެއެވެ.

7 އޮކްޓޫބަރަށްފަހު އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހަތަރު ދުވަހަށް މެދުކަނޑާލީ ހަމާސްއާއި އިޒްރޭލުން ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ މުއްދަތު ފަހުން ވަނީ 7 ދުވަހަށް ދަންމާލާފައެވެ.

ގަތަރާއި މިސްރު އަދި އެމެރިކާ މެދުވެރިވެގެން ކުރި މަޝްވަރާތަކަށް ނިރުބަވެރި އިޒްރޭލު ސަރުކާރުން އިޖާބަދިނީ އެޤައުމުގެ ބިމުން ހަމާސްއިން ރަހީނުކުރި މީހުން ދޫކޮށްލުމަށެވެ. އިޒްރޭލުގެ ޖަލުތަކުގައި ނުޙައްޤުން ބަންދުކޮށްފައިވާ މީހުން މިނިވަންކުރުމަށް ގޮތެއް ހޯދުމަށް ފަލަސްތީނުގެ ޙައްޤުގައި މަސައްކަތްކުރާ ހަމާސްއިން ވަނީ 7 އޮކްޓޫބަރުގައި އިޒްރޭލުގެ އަވަށެއްގައި ތިބި ބަޔަކު ރަހީނުކޮށްފައެވެ.

އެމެރިކާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން އެޤައުމުން ވަނީ ޣައްޒާއަށް އިންސާނީ އެހީ ވަދެވޭނެ ގޮތް މަގުފަހިކުރުމަށް ހަނގުރާމަ މެދުކަނޑާލަން މަޝްވަރާކޮށްފައެވެ. އެހެން ނަމަވެސް، "ޢާންމުންނަށް ރައްކާތެރި ގޮތަކަށް ހަނގުރާމަ އަލުން ފަށަން" އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ގޮވާލާފައި ވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ހަނގުރާމަ ކުރިއަށްގެންދަން ނިންމީ ހަމާސްއާއި އެކު އިޒްރޭލުން ވެފައިވާ އެއްބަސްވުމާއި ހަމާސްއިން ޚިލާފުވުމުގެ ސަބަބުންނެވެ. ޒަޔަނިސްޓް ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހަމާސްއިން ވަނީ އިޒްރޭލު ސަރަހައްދަށް ހަމަލާދީ، އެއްބަސްވުމާއި ޚިލާފަށް އަމަލުކޮށްފައެވެ. އެގޮތުން، މިއަދު އިޒްރޭލުގެ ސަރަހައްދީ ރޮނގުން ރޮކެޓް ސައިރެންތައް އެކްޓިވޭޓްވެފައިވާ ކަމަށް އިސްރާއިލީ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން