ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ހާއްސަ ހައްޖު ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހާއްސަކުރާ ޙައްޖު ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައި ވާއިރު މިއަހަރުގެ ނޮވެމްބަރު މަހުވެސް ހައްޖު ކޯޕަރޭޝަނުން އެފުރުސަތު ހުޅުވާލިއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ އަލުން އެ ފުރުސަތު ހުޅުވާލީ މިއަހަރު ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް އެ ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ކަމަށެވެ. މިކަމަށް އެދި ހުށައެޅުމުގެ ފަހުގެ ތާރީހަކީ މިމަހުގެ 31 ވަނަދުވަހު 14:00 ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ޙައްޖު ކޯޕަރޭޝަނަށް މި އަހަރު ލިބޭ ޙައްޖު ކޯޓާގެ ތެރެއިން 5 އިންސައްތަ، ހާއްސަކޮށްފައިވަނީ ހައްޖަށްދާން އެކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ މީހުންނަށެވެ.

މިގޮތުން 09 ނޮވެމްބަރ 2023 ވަނަ ދުވަހުގެ ނިޔަލަށް ހައްޖު ކޯޕަރޭޝަންގެ ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ނަމަވެސް ނޮވެމްބަރ މަހު ހުޅުވާލި ފުރުސަތުގައި ނަން ހުށައެޅި މީހުން އަލުން ނަން ހުށައަޅަން ނުޖެހޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ މިއަހަރު އަމިއްލަ ކުންފުނިތަކަށް ހައްޖު ކޯޓާ ނުދީ ރާއްޖެއަށް ލިބޭ ހުރިހާ ޖާގައެއް ޙައްޖު ކޯޕަރޭޝަނަށް ދިނުމަށެވެ. ހަމައެއާއެކު ސަރުކާރުގެ ހަރަދުގައި 50 މީހުން ހައްޖަށް ގެންދިޔުމަށްވެސް ސަރުކާރުންވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން