ޣައްޒާއަށް ގެންދާ އެހީގެ ތަކެތި އެތެރެވިޔަ ނުދިނުމަށް އިޒްރޭލުން ހުރަސް އަޅަމުންދާކަމަށް އދ. އިން ހާމަކޮށްފިއެވެ.

ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުންދާ މި ދަނޑިވަޅުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ. އިން ވަނީ މަސައްކަތް ފަށާފައެވެ. އިޒްރޭލުން ޣައްޒާއަށް އެހީތެރިވުމުގެ ގޮތުން މިހާރުވެސް ޣައްޒާއަށް އެތެރެވުމަށް މަސައްކަތް ކުރަމުން އަންނަ 5،405 އެހީގެ ގާފިލާ އެތެރެކުރެވުނަސް އެމިންވަރުން ޣައްޒާގެ މިލިއަނެއްހާ އާބާދީގެ ބޭނުންތައް ފުއްދާނުލެވޭނެ ކަމަށް އދ. އިން ފާހަގަކުރިއެވެ.

އެގޮތުން، ޣައްޒާގައި ޙާލުގައި ޖެހިފައިވާ އާބާދީގެ 10 އިންސައްތައަށް ނޫނީ އެހީ ފޯރުވިފައި ނުވާ ކަމަށްވެސް އދ. އިން މައުލޫމާތުދީފައި ވެއެވެ. އިޒްރޭލުން ޣައްޒާއަށް އެހީ ފޮނުވާ ކަމަށް ބުންޏަސް، އެޤައުމުގެ ސިފައިން ފަލަސްތީންގެ ފިހާރަތަކުގައި ހުންނަ ސާމާނު ސުންނާފަތިކޮށް އެހީގެ ގާފިލާތަކުގައި ހުންނަ ފެނާއި ކާބޯތަކެތި ނައްތާލާ މަންޒަރު ދައްކާ ވީޑިއޯތައްވެސް މީސް މީޑިއާގައި ވަނީ ޢާންމުވެފައެވެ.

މިކަމާކަންބޮޑުވުން ފާޅުކުރައްވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވިގޮތުގައި އިޒްރޭލުން ޣައްޒާގައި އަސްކަރީ އޮޕަރޭޝަންތައް ހިންގާ ގޮތުން، ޣައްޒާގެ އެކި ހިސާބުތަކަށް އެހީ ފޯރުކުރުމުގައި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން އިޒްރޭލުން ދަނީ ފަލަސްތީންގެ ރެޑް ކްރެސެންޓްގެ ވޮލަންޓިއަރުންނާއި އދ. ގެ މުވައްޒަފުންނަށްވެސް ހަމަލާ އަމާޒު ކުރަމުންނެވެ.

ވޭތުވެދިޔަ 75 ދުވަސް ތެރޭގައި ޣައްޒާގައި ހަރަކާތްތެރިވި އދ.ގެ 136 މުވައްޒަފުން ހަނގުރާމައިގައި ވަނީ މަރުވެފައެވެ. އިޒްރޭލުން ހިންގާ ޖަރީމާތަކުގައި މަރުވި އދ. ގެ މުވައްޒަފުންގެ މިއަދަދަކީ ތާރީޚަށް ބަލާއިރުގައިވެސް ހަނގުރާމައެއްގައި އދ. ގެ މުވައްޒަފުން މަރުވި އެންމެ ގިނަ އަދަދެވެ. އެހެންކަމުން، ޣައްޒާގައި އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ރައްކާތެރިކަމާއިއެކީ ދަތުރުފަތުރު ކުރެވެން ޖެހޭނެ ކަމަށާއި ޣައްޒާގައި ވިޔަފާރީގެ މުޢާމަލާތްތައްވެސް ކުރެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަޔަނިސްޓް އިޒްރޭލު ސިފައިން އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވީ މީހުންގެ އަދަދުވަނީ 20،000 އަށްވުރެ މައްޗަށް އަރާފައެވެ.

އިޒްރޭލްގެ މި ލާއިންސާނީ ޢަމަލުތައް ހުއްޓާލުމަށް އދ. އިން ތަކުރާރުކޮށް ގޮވާލަމުން އައި ނަމަވެސް މިހާތަނަށް މިމަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން