ލުބުނާނުގެ ދެކުނަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އޮސްޓްރޭލިއާގެ ދެ ރައްޔިތަކު މަރުވެފައި ވާކަމަށް އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް (ޑީއެފްއޭޓީ) އިން ކަށަވަރުކޮށްދީފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި ޑީއެފްއޭޓީގެ ތަރުޖަމާނަކު ވަނީ ލުބުނާނުގެ ދެކުނުގައި އޮންނަ ސިޓީއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އޮސްޓްރޭލިއާގެ ދެ ރައްޔިތަކު މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ދިން ވައިގެ ހަމަލާގައި މިދެމަފިރިންގެ އާއިލާއަށް ނިސްބަތްވާ އިތުރު މެންބަރެއްވެސް މަރުވެފައި ވެއެވެ. އެންއެންއޭއިން ބުނީ މި ހަމަލާގައި މަރުވި މީހުންނަކީ އަލީ ބާޒީ އާއި އޭނާގެ ބޭބެ އިބްރާހިމް އަދި ބާޒީގެ އަންހެނުން ޝައުރޫކް ހަމޫދު ކަމަށެވެ.

ލުބްނާންގެ ހިޒްބުއްލާ ޖަމާއަތުން ފަހުން އިއުލާން ކުރި ގޮތުގައި އަލީ ބާޒީ އަކީ އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ހަނގުރާމަވެރިޔެކެވެ. އެކަމަކު، އޭނާއާއި ގާތްތިމާގެ މީހަކު ބުނީ އިބްރާހިމް ބާޒީއާއި އޭނާގެ އަންހެނުންނަކީ އޮސްޓްރޭލިއާގެ ރަށްވެހިކަން އޮތް މީހުން ކަމަށެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބާޒީ ލުބްނާނަށް އައިސްފައިވަނީ އާއިލާއަށް ޒިޔާރަތް ކުރުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

ހިޒްބުއްލާއިން މިގޮތަށް ބުނުމުން އޮސްޓްރޭލިއާއިން ބުނީ އެޤައުމުން އެކަމުގެ ހަގީގަތް ހޯދުމަށް ތަހުޤީޤު ކުރާނެ ކަމަށެވެ.

އީރާނުގެ ތާއީދު އޮންނަ ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުއްލާއަކީ ނިރުބަވެރި ހަނގުރާމަވެރިންގެ ގޮތުގައި އޮސްޓްރޭލިއާގައި ލިސްޓްކުރެވިފައިވާ ހަނގުރާމަވެރިންނެވެ. އެފަދަ ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ނުވަތަ އެ ޖަމާއަތްތަކުގެ ސަފުގައި ހަނގުރާމަ ކުރުމަކީ އެޤައުމުގެ ޤާނޫނު އަސާސީން މަނާކުރާ އަމަލެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން