އިސްރާއީލުން ސީރިއާއަށް ހަމަލާ ދޭންފެށީ އެގައުމުން ފޮނުވާލި ދެ ރޮކެޓް، އިސްރާއީލު ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދަކަށް ވެއްޓިގެން ކަމަށް އިސްރާއީލު ސިފައިން މިއަދު ބުނެފިއެވެ.

އިސްރާއީލު ސިފައިން ވަނީ އެއީ ސީރިއާއިން ފޮނުވާލީ ރޮކެޓްތަކެއްކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ ރޮކެޓުތައް ވެއްޓުނީ ކޮން ސަރަހައްދަކައްކަން ސީދާ ހާމަކޮށްފައެއް ނުވެއެވެ.

ސީރިއާގެ ރޮކެޓް ހަމަލާއަށްފަހު ސީރިއާގެ ވެރިރަށް ދިމިޝްގުގެ ވަށައިގެންވާ ސަރަހައްދަށް ބުރާސްފަތި ދުވަހު އިސްރާއީލުން ހަމަލާދީފައިވާ ކަމަށް ސީރިއާގެ ޑިފެންސް މިނިސްޓްރީ އާއި ދައުލަތުގެ މީޑިއާތަކުން ހާމަކޮށްފައިވެއެވެ.

ސީރިއާއަށް އަމާޒުކޮށްގެން ދޭ ވަކިވަކި ހަމަލާތަކާ މެދު އިސްރާއީލުން މީގެ ކުރިން ވަކި އެއްޗެއް ނުބުނިނަމަވެސް، ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ތާއީދުކުރާ އީރާނުގެ ދުޝްމަނުންގެ ބާރުތައް އެސަރަހައްދުގައި ގަދަވިޔަ ނުދޭނެކަމަށް އިޒްރޭލުން ބުނެއެވެ.

އެގޮތުން 2011 ވަނަ އަހަރު ސީރިއާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން ވަނީ އެގައުމުގެ އުތުރުން އޮންނަ އަވަށްޓެރި ސީރިއާއަށް އެތައް ސަތޭކަ ވައިގެ ހަމަލާ ދީފަ އެވެ. މިހަމަލާތައް އަމާޒުކޮށްފައި ވަނީ ލުބުނާނުގެ ހިޒްބުالله ހަނގުރާމަވެރިން ހިމެނޭ ގޮތަށް އީރާނުން ތާއީދުކުރާ ބާރުތަކުގެ އިތުރުން ސީރިއާ ސިފައިންނަށެވެ.

މީގެ އިތުރުން، އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން މެދުއިރުމަތީގެ އެކި ހިސާބުތަކުގައި ހަމަނުޖެހުން އިތުރުވަމުންދާއިރު، ލުބުނާނާއި އިސްރާއީލުގެ ބޯޑަރުގައި ވެސް އިސްރާއީލު ސިފައިންނާއި ހިޒްބުالله އާއި ދެމެދު ހަމަލާތައް ދަނީ ބަދަލުކުރަމުންނެވެ. އެ ހަމަލާތަކުގައި ލުބުނާނުގެ 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބައެއް ތަފާސް ހިސާބު ތަކުން ދައްކައެވެ. މީގެތެރޭގައި ގިނައީ ހިޒްބުالله ހަނގުރާމަވެރިން ނަމަވެސް ތިން ނޫސްވެރިން ހިމެނޭ ގޮތަށް ތިރީހަކަށް އާންމުންވެސް ވަނީ މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން