ފޭކް ވެކްސިން އެތެރެކުރުމުގެ ކުށުގައި ސްރީ ލަންކާގެ ހެލްތު އޮފިޝަލަކު ހައްޔަރުކޮށްފިއެވެ.

ލަންކާއިން ހައްޔަރުކޮށްފައިވަނީ ހެލްތު ސާވިސަސް (ސަޕްލައިސް ޑިވިޝަން) ގައި މަސައްކަތްކުރި ޑެޕިއުޓީ ޑިރެކްޓާ ހެރަތު ކުމާރާއެވެ. މިއަދު ހެރަތު ކުމާރާ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓް (ސީއައިޑީ) އިން ހައްޔަރުކޮށްފައިވާއިރު، އޭނާ ވަރަށް އަވަހަށް މާލިގަކަންޑާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރާނެ ކަމަށް ލަންކާގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

އިމިއުން ގްލޯބިއުލިން ވެކްސިންގެ ފެންވަރު ދަށް ސްޓޮކްތަކެއް އެތެރެކުރި މައްސަލައިގައި ހެރަތުގެ އިތުރަށް ސިއްހީ ދާއިރާގެ އެހެނިހެން މަސައްކަތްތެރިންވެސް ހައްޔަރުކޮށްފައި ވެއެވެ.

މަކަރާއި ހީލަތުން އެތެރެކުރި މި ވެކްސިން އެތެރެކުރި މުވައްޒަފުންނަށް 130 މިލިއަން ލަންކާ ރުޕީސްގެ ނަފާ ހޯދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ދައުލަތުގެ އިސް ދެ އޮފިޝަލުންގެ އެހީތެރިކަމާއެކު ފޯޖް ލިޔެކިޔުންތައް އުފައްދައިގެން ބޭސް އުފައްދާ ކުންފުންޏަކުން 22،500 ވައިއަލްގެ ދަށުދަރަޖައިގެ އިމިއުން ގްލޯބިއުލިން ވެކްސިން އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގެއް އެންމެ ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރުއެވެ.

ސީއައިޑީގެ ތަހުގީގުތަކުން ދައްކާ ގޮތުގައި ދަށް ފެންވަރުގެ ބޭސްތަކުގެ ސްޓޮކް އެތެރެކޮށްފައިވަނީ ބޭސް އުފައްދާ ކުންފުނީގެ ވެރިޔާ ސުދާތު ޖަނާކާ ފަރނާންޑޯ (އަރޫނާ ދީޕްތީ) އެވެ.

ނޭޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީ (އެންއެމްއާރުއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. ވިޖިތު ގުނަސެކެރާ އާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އޮފް ސަޕްލައި ޑރ. ކަޕިލާ ވިކްރަމަނަޔަކޭ ވަނީ ލިޔެކިޔުންތައް ފޯޖްކޮށްގެން އަރޫނާ ދީޕްތީއަށް އެހީވެފައެވެ. މި ކުށުގައި ޝާމިލުވާ އެންމެން ހައްޔަރުކޮށް ރިމާންޑް ކުރުމަށްފަހު ލަންކާ ހެލްތު މިނިސްޓްރީގެ ކުރީގެ ސެކްރެޓަރީ ޖަނަކާ ޗަންދްރަގުޕްތާ ވެސް ވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން