ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ޤައުމުތަކަށް ޖިހާދަށް ދިއުމަކީ ހުއްދަކަމެއް ނޫންކަމަށް އިސްލާމީ ފިޤްހު އެކަޑަމީން ކަނޑައަޅައިފިއެވެ.

ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުން މިއަދު ޢާއްމުކުރި އިސްލާމީ ފިޤްހު އެކަޑަމީގެ ފަތުވާގައި ބުނެފައިވަނީ، ދާހިލީ ހަމަނުޖެހުންތައް ހިންގަމުންދާ އިސްލާމީ ބައެއް ގައުމުތަކަށް ޖިހާދު ކުރުމުގެ ނަމުގައި ގޮސް އެކަމުގައި ބައިވެރިވުމަކީ އިސްލާމް ދީނުގައި ހުއްދަކަމެއް ނޫންކަމަށެވެ.

އެގޮތުން އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކަކީ އިސްލާމީ އުންމަތާ ކުރިމަތިވެފައިވާ ފިތުނައެއް ކަމަށާއި، ފިތުނައެއް ކުރިމަތިވުމުން އަމަލު ކުރަންވީގޮތް ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުތަކުން އެނގޭ ކަމަށް ފަތުވާގައިވެއެވެ.

މުސްލިމުންނާއި މުސްލިމުން ހަނގުރާމަ ކުރުމަކީ ހުއްދަކަމެއް ނޫންކަން ރަސޫލާގެ ބަސްފުޅުތަކުންވެސް އެނގޭ ކަމަށާއި، އެކަމާ ދެކޮޅަށް މުސްލިމުން ކުރަންވީ ކަމަކީ އެކަމުން ސަލާމަތްކޮށް ދެއްވުމަށް އެދި ދުއާ ކުރުމާއި، އެ ކަމަށް ކެތްތެރިވުމާއި، ބައިބައިނުވުމާއި، އުންމަތުގެ ވަހުދަތަށް ޓަކައި މަސައްކަތް ކުރުން ކަމަށް ފަތުވާގައި ބުނެފައިވެ އެވެ.

"ޖިހާދަށް ދެވޭނީ ޝަރުތުތަކެއްގެ މަތިންނެވެ. އޭގެތެރޭގައި ހިމެނޭ މުހިންމު ދެ ޝަރުތަކީ؛ 1- ވަލިއްޔުލް އަމްރު ހުއްދަދިނުމެވެ. 2- މައިންބަފައިންގެ ހުއްދަލިބުމެވެ." ފަތުވާގައިވެއެވެ.

އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކަކީ، އިސްލާމީ ގައުމުތަކާ ދެކޮޅަށް ރޭވިފައިވާ ސިލްސިލާ މުއާމަރާތުތަކެއް ކަމަށް ފަތުވާގައި ވަނީ ބަޔާން ކޮށްފައެވެ.

އިސްލާމީ ފިޤްހު އެކަޑަމީން 2015 ވަނަ އަހަރު ނެރެފައިވާ މިފަތުވާ، ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުން މިއަދު ޢާއްމުކޮށްފައި މިވަނީ، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ދިވެހި އާއިލާތަކުގެ ތެރެއިން 21 މީހަކު މިދިޔަ އަންގާރަ ދުވަހު ދިވެހި ދަޢުލަތުން ރާއްޖެއަށް ގެނެސްފައިވަނިކޮށެވެ. އެ މީހުންގެ ތެރޭގައި ތިބީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން