ފަލަސްތީނުގައި ގަތުލު އާންމު ހިންގާއިރުވެސް އިސްލާމީ ގައުމުތަކުން އިސްރާއިލާ ގުޅުން ކަނޑާނުލާތީ އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޚާމަނާއީ ފާޑު ވިދާޅުވެއްޖެ އެވެ.

އިއްޔެ އިރާނުގައި ބޭއްވި 40 ވަނަ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ޚާމަނާއީ ވަނީ އިސްލާމީ ގައުމުތަކުން ފާޅުގައި އިސްރާއިލާ ދެކޮޅަށް ވާހަކަ ދައްކަން ގޮވާލައިފަ އެވެ. އަދި އިސްރާއިލާ ގުޅުން ކަނޑާލުމަށް ވެސް ގޮވާލެއްވި އެވެ.

އިސްރާއިލާ ގުޅުން ގާއިމުކޮށްފައިވާ އަރަބި އިސްލާމީ ގައުމުތަކުގެ ތެރޭގައި ޔޫއޭއީ، މިސްރު، އުރުދުން، މޮރޮކޯ، ބަހްރެއިން ހިމެނެ އެވެ. އޭގެ އިތުރުން ތުރުކީ އަދި އަޒަރުބައިޖާނުން ވެސް އިސްރާއިލާ ގުޅުން ގާއިމްކޮށްފައި ވެއެވެ. މީގެއިތުރުން ސައުދީ އަރަބިއްޔާއިން ވެސް އަޑިއަޑިން އިސްރާއިލާ ވަރަށް ބޮޑަށް ގުޅުން އޮެވެއެވެ. އެހެން ނަމަވެސް ޣައްޒާގައި ގަތުލު އާންމު ހިންގަމުންދާ އިރު ވެސް މިއިން އެއްވެސް ގައުމަކުން އިސްރާއިލާއެކު އޮންނަ ގުޅުން ކަނޑައެއް ނުލައެވެ.

އިރާނުގެ ރޫހީ ލީޑަރު ވިދާޅުވީ ޣައްޒާގެ މުޖާހިދުން އިސްރާއިލާ ދެކޮޅަށް ހަނގުރާމަ ކުރަނީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ގޮތުގެ މަތިން ކަމަށެވެ. ނަމަވެސް މުސްލިމް ގައުމުތަކުގެ ލީޑަރުން އަމަލުކުރަމުންދަނީ ގުރުއާނުގައި އޮންނަ ގޮތަށްތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އިސްރާއިލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމަށް ހަތަރު މަސް މިހާރު ވަނީ ވެފަ އެވެ. އެ ގަތުލު އާންމުގައި 29،000 އަށް ވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުކޮށްލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން