ވައިގެ މަގުން ޣައްޒާއަށް ވައްޓަމުންދިޔަ އެހީގެ ކޮންޓެއިނަރުތަކުގެ ތެރެއިން ޕެރަޝޫޓް ނުހުޅުވި ވެއްޓުނު ކޮންޓެއިނަރެއް ދަށުވެ ފަލަސްތީނުގެ 5 މީހަކު މަރުވެފައިވާކަމަށް އަލް ޝިފާ ހޮސްޕިޓަލުން ބުނެފިއެވެ.

ޕެރަޝޫޓް ނުހުޅުވި އެހީގެ ކޮންޓެއިނަރ ވެއްޓުނު މިހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު އަލްޝާތީ ރެފިއުޖީ ކޭމްޕްގެ އުތުރުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން، މިހާދިސާގައި 5 މީހަކު މަރުވެފައިވާއިރު، 10 މީހަކަށް ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށްދާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ވައިގެ މަގުން ޣައްޒާއަށް އެހީގެ ކޮންޓެއިރަރުތައް ވައްޓަމުންދަނީ އެމެރިކާ އާއި ޖޯޑަން އިންނެވެ. މި އެއަރ ޑްރޮޕް ތަކަކީ ބެލްޖިއަމް، މިސްރު، ފްރާންސް އަދި ނެދަލެންޑްސްއާ ގުޅިގެން ކުރިއަށްދާ މަޝްރޫޢުއެކެވެ. މި އެހީގެ ކޮންޓެއިނަރުތައް ވައްޓާ ވަގުތުތަކުގައި، ކާބޯތަކެއްޗަށް ޖެހިފައިވާ ފަލަސްތީނުގެ އެތައް ބަޔަކު އެ ކޮންޓެއިނަރުތައް ވެއްޓެން ދެން އިންތިޒާރުކޮށް އޭގެ ފަހަތުން ދާ މަންޒަރު ފެނިގެންދެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 30000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. މިހަމަލާތަކުގައި އެތައް ހާސް ބަޔަކު ގެދޮރު ދޫކުރަން މަޖުބޫރުވެފައިވާއިރު، އެތައް ބަޔަކު ވަނީ ކާބޯތަކެއްޗަށް ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން