އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކްގެ މައިދައިތަ، ސުދާ މުރްތީގެ ނަން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ނޮމިނޭޓްކޮށްފިއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ މެމްބަރުކަމަށް ނޮމިނޭޓްކޮށްފައިވާ 73 އަހަރުގެ ސުދާ މުރްތީ އަކީ ގްލޯބަލް ޓެކް ޖަޔަންޓް އިންފޯސިސްގެ ކޯ ފައުންޑަރ އެންއާރު ނަރަޔަން މުރްތީ ގެ އަނބިކަނބަލުންނެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ކައިވެނި ބައްލަވައިގެންފައިވަނީ ސުދާ އަދި ނާރަޔަންގެ އަންހެން ދަރިކަނބަލުން އަކްޝަތާ އާއެވެ.

ސުދާ މުރްތީ އަކީ އިންޑިއާ ސަރުކާރުން ދޭ ތިން ވަނައަށް އެންމެ މަތީ މަދަނީ ޝަރަފުކަމަށްވާ "ޕަދްމާ ބުޝަން" ވެސް ލިބިފައިވާ ފަރާތެކެވެ. މި ޝަރަފު ސުދާ އަށް ލިބިވަޑައިގެންފައިވަނީ އިޖުތިމާއީ މަސައްކަތުގެ ރޮނގުން އޭނާ ކުރައްވާފައިވާ މަސައްކަތަށެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ މެމްބަރުކަމަށް ސުދާ ނޮމިނޭޓްކޮށްފައިވާއިރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ މެމްބަރުންގެ ތެރެއިން 12 ގޮނޑި ފިޔަވާ ދެން ތިބޭ މެމްބަރުންނަކީ އިންތިހާބަކާއެކު ހޮވޭ މެމްބަރުންނެވެ. އިންތިހާބަކާއި ނުލައި މަތި ގޭގެ މެމްބަރުކަމަށް ނޮމިނޭޓް ކުރާ ފަރާތްތަކަކީ އެކި ދާއިރާ ތަކުން ފާހަގަކޮށްލެވޭ މަސައްކަތްތެރީން ފާހަގަކޮށް ރައީސް ނޮމިނޭޓްކުރާ ފަރާތްތަކެވެ.

އެގޮތުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ މެމްބަރުކަމަށް ސުދާ ނޮމިނޭޓްކުރުން ފާހަގަކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ "މިއީ ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަންހެނުންގެ ބާރާއި ގާބިލްކަން މުހިންމުކަން ދައްކުވައިދޭ މިސާލެއް" ކަމަށެވެ.

މޯދީ އިތުރަށް ވިދާޅުވީ ސުދާ މުރްތީ އަކީ "އިޖުތިމާއީ މަސައްކަތްތަކާއި ފިލާންތުރޮފީ އަދި ތައުލީމު ހިމެނޭ ގޮތަށް ތަފާތު ދާއިރާތަކަށް ހިދުމަތް ކޮށްދެއްވާފައިވާ ނަމޫނާ ފަރާތެއް" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން