ދެކުނު ކޮރެއާގައި މުޒާހަރާ ކުރަމުން ގެންދާ ޖޫނިޔަރ ޑޮކްޓަރުންގެ ތެރެއިން 4900 ޑޮކްޓަރުންގެ މެޑިކަލް ލައިސަންސް ސަސްޕެންޑު ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދެކުނު ކޮރެއާގެ ސިއްޙީ ވުޒާރާގެ ޑިރެކްޓަރ ޗުން ބުޔުންގ ވަންގ ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މާރޗް 8 ގައި ވާނީ 4900 ޖޫނިޔަރ ޑޮކްޓަރުންނަށް ނޯޓިސް ފޮނުވާފައި ކަމަށެވެ. މިއީ ސަސްޕެންޑް ކުރުމުގެ ފުރަތަމަ މަރުހަލާ ކަމަށްވެސް ވިދާޅުވިޔެވެ. އަދި މުޒާހަރާ ދޫކޮށް ބަލި މީހުން ގާތަށް ދިޔުމަށް ޗުން އިލްތިމާސް ކުރިއެވެ.

ސަސްޕެންޑް ކުރުމުގެ މަރުހަލާތައް ނިމުމުގެ ކުރިން މުޒާހަރާ ދޫކޮށް ޑިއުޓީއަށް ނިކުންނަ ޑޮކްޓަރުންނަށް ސަސްޕެންޝަނާ ކުރިމަތިލާން ނުޖެހޭނެ ކަމަށްވެސް ޗުން ވިދާޅުވިއެވެ.

20 ފެބްރުވަރީގައި މުޒާހަރާ ކުރަން ފެށީ ސަރުކާރުން ޑޮކްޓަރުންގެ އަދަދު ބޮޑުތަނުން އިތުރުކުރަން ނިންމުމާއި ގުޅިގެންނެވެ. މިގޮތަށް ސަރުކާރުން ނިންމީ މުސްކުޅިވަމުންދާ އާބާދީ ހަލުވި މިނެއްގައި އިތުރުވަމުންދާތީ އަދި މިކަމާއި ގުޅިގެން ޑޮކްޓަރުން މަދުވާނެކަމަށް ލަފާކޮށްފައެވެ. ޑޮކްޓަރުން ބުނަނީ މިނިންމުމާއި ގުޅިގެން ބަލި މީހުންނަށްދޭ ހިދުމަތުގެ ކޮލިޓީ ދައްވެގެން ދާނެ ކަމަށެވެ.

12،000 އެއްހާ ޑޮކްޓަރުން މި މުޒާހަރާގައި ބައިވެރިވާއިރު، ސާރޖަރީތައް ކެންސަލްވެ، ބަލި މީހުންނަށް ފަރުވާ ލިބުމަށް ވަނީ ދަތިވެފައެވެ. މިކަމަށް ލުޔެއް ހޯދުމަށް އަސްކަރީ ޑޮކްޓަރުން ވަނީ އާންމު ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރަން ފަށާފައެވެ. ދެކުނު ކޮރެއާގައި ޑޮކްޓަރުން މުޒާހަރާ ކުރުމަކީ ކުށެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން