ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ، ބޮޑުފިނޮޅުގައި ދިވެހިންގެ ބަޔަކު ރަހީނުކޮށް ދިވެހި ފުލުހުންނަށް ޙަމަލާދިން މައްސަލާގައި ހައްޔަރުކުރި 19 ބިދޭސީން ދޫކޮށްލައިފިއެވެ.

13 ދިވެއްސަކު ރަހީނުކުރި މައްސަލައާ ގުޅިގެން ޖުލައި މަހުގެ ތިން ވަނަ ދުވަހު، 19 ބިދޭސީއަކު ބޮޑުފިނޮޅުން ހައްޔަރުކޮށް އެމީހުންގެ ބަންދަށް މީގެކުރިން ދެފަހަރެއްގެ މަތިން 15 ދުވަސް ވަނީ ޖަހާފައެވެ. ނަމަވެސް މިއަދު އެ ބިދޭސީން ވަނީ ބަންދުން ދޫކޮށްލައި އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މުސާރަ ނުލިބޭކަމަށްބުނެ ބޮޑު ފިނޮޅުގައި 200 އެއްހާ ބިދޭސީން ހިންގި ހަމަނުޖެހުމުގައި، ދިވެހިންތަކެއް ރަހީނުކޮށް، ރަށުގައި ހުރި ތަންތަނަށާއި ހެވީ މެޝިނަރީތަކަށާއި ވޯޓާ ޕައިޕްލައިން ތަކަށާއި އެހެނިހެން ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތައް ދީފައެވެ.

އެ މައްސަލާގައި އެރަށް ތަރައްޤީކުރަމުން ގެންދިޔަ އާރްއައިއެކްސް އިން ބުނީ މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ އެ ރިސޯޓުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އާއެކު ވެފައިވާ އެއްބަސްވުމުގައި ބުނާގޮތަށް އެކުންފުންޏަށް ލިބެން ޖެހޭ ފައިސާ ލިބިފައި ނުވާތީ ކަމަށެވެ. އަދި ފަހުން ސީލް މޯލްޑިވްސް އިން އެ ރިސޯޓުގައި ތިބި ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސް އަޅައި، ފެނާއި ކަރަންޓުގެ ހިދުމަތަށް ވެސް ހުރަސް އެޅި މައްސަލަ އެއް ވަނީ ފެންމަތިވެފަ އެވެ.

މިހާރު އެރަށުގައި ތިބި ބިދޭސީން ވަނީ އެރަށުން ބާލައި ހުޅުމާލޭގައި ހުންނަ ބިދޭސީންގެ މަރުކަޒަކަށް ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު