ސްރީލަންކާގައި 2019 ވަނަ އަހަރު ދިން ޖާނުން ފިދާ ވުމުގެ ހަމަލާ، ނުވަރަ އީސްޓާ އެޓޭކް ހަމަލާ ދިން މީހުން އެނގޭކަމަށް ސްރީލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ. އަދި ޝަރުއީ އިދާރާއަކަށް އެމަޢުލޫމާތު ހާމަކުރަން ތައްޔާރަށް ހުރިކަމަށްވެސް ސިރިސެނާ ވިދާޅުވިއެވެ.

ސްރީލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ މިފަދައިން ވިދާޅުވެފައިވަނީ، ކޭންޑީގައި ހުންނަވާ ނޫސްވެރިނަށް ދިން ބަސްތީގަތުމެއްގައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ސިރިސެނާ ވިދާޅުވީ މިކަމާ ގުޅޭ ގޮތުން މަޢުލޫމާތު ހާމަކުރުމަށް ކޯޓުން އެދިއްޖެ ނަމަ ނުވަތަ އަމުރެއް ނެރެފި ނަމަ އެ މައުލޫމާތު ހާމަވާނެ ކަމަށެވެ.

އީސްޓާ ހަމަލާތަކުގެ ހަގީގީ މާސްޓަރމައިންޑް އަދި އެއްވެސް މީހަކު ހާމަކޮށްފައި ނުވާ ކަމަށް ވިދާޅުވެ ސިރިސޭނާ ވިދާޅުވީ އެކަމުގެ ތަފްސީލު ހާމަކުރަން ތައްޔާރަށް ހުރި ނަމަވެސް އެ މައުލޫމާތުތައް ސިއްރުކުރުމަކީ ފަނޑިޔާރުންގެ ޒިންމާއެއް ކަމަށެވެ.

21 އޭޕްރީލް 2019 ވީ އީސްޓާ ސަންޑޭގައި ސްރީލަންކާގެ ތިން ޗާޗަކާއި ވިޔަފާރީގެ ވެރިރަށް، ކޮލަމްބޯގެ ތިން ލަގްޒަރީ ހޮޓަލަކަށް އަމާޒުކޮށް ކޯޑިނޭޓްކޮށްގެން އައިއެސްއާ ގުޅުން ހުރި ބަޔަކު ދިން ޓެރަރިސްޓް ހަމަލާތަކަކީ ޖާނު ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާތަކެކެވެ. އަދި ހަމަ އެދުވަހުގެ ފަހުގެ ވަގުތެއްގައި ޑެމަޓަގޯޑާގެ ހައުސިން ކޮމްޕްލެކްސްއަކާއި ދޭހިވާލާގެ ގެސްޓް ހައުސްއެއްގައި ބޮމުގެ ދެ ހަމަލާއެއް ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މިހަމަލާތަކުގައި 269 މީހަކު މަރުވެފައިވާއިރު 500 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ.

މިހަމަލާއަށް ބިނާކޮށް އިނގިރޭސިވިލާތުގެ ޗެނަލް 4 ޓީވީ ސްޓޭޝަނަކުން 'ސްރީލަންކާގެ އީސްޓާ ބޮންބިންގްސް - ޑިސްޕެޗްސް' ގެ ނަމުގައި ޑޮކިއުމެންޓްރީއެއްވެސް ވަނީ އާންމުކޮށްފައެވެ. މި ޑޮކިއުމެންޓްރީގައި 2019 ވަނަ އަހަރު ދިން ޖާނުން ފިދާވުމުގެ ހަމަލާ ދިނުމުގައި ސްރީލަންކާ ސަރުކާރުގެ ބައެއް އޮފިޝަލުންގެ ބައިވެރިވުން ހިމެނޭ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އެ ހަމަލާތަކަކީ ރާޖަޕަކްސާ އަޚުންގެ ފައިދާއަށް ސިޔާސީ ބަދަލެއް ގެންނަން މަޖުބޫރު ކުރުމުގެ މަގުސަދުގައި ދިން ''ކްރާފްޓްޑް އެކްޓެއް'' ނުވަތަ ރާވައިގެން ދިން ހަމަލާއެއް ކަމަށްވެސް ބުނެފައިވެއެވެ.

މި ޑޮކިއުމެންޓްރީގައި މިކަން ހިނގާދިޔަ ގޮތް އެނގޭ ގިނަ ބައެއްގެ އިންޓަރވިއު ތަކާއި ސިއްރު ރިޕޯޓްތައް ވެސް ހިމަނާފައި ވެއެވެ. މިއީ ވެރިކަމުގެ ދަހިވެތި ކަމުގައި ރާޖަޕަކްސަގެ އައިލާއާއި ގާތް އެކުވެރިން ވަރަށް ދުރާލައި ރާވައިގެން ހިންގާފައިވާ ހަމަލާއެއް ކަމަށް މި ޑޮކިއުމެންޓްރީގައި ސާބިތުކޮށްދެއެވެ. އަދި މިހަމަލާތައް ރޭވުމުގެ ތެރޭގައި ލަންކާގެ ނޫސްވެރިންނަށް ބިރުދައްކައި ނޫސްވެރިން ވަގަށްނަގައި މަޝްހޫރު އެޑިޓަރަކު ބަޑިޖަހާ މަރާލި ހާދިސާގެ ހަގީގަތްވެސް ހަމަކޮށްފައި ވެއެވެ.

ނަމަވެސް އީސްޓާ އެޓޭކް އަކީ ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ ވަފާތެރިން، ރާޖަޕަކްސާ ރިޔާސީ އިންތިހާބުން ކާމިޔާބު ހޯދުމަށް ކުރި ކަމެއް ކަމަށް ބުނެ ރާޖަޕަކްސާއަށް ކުރި ތުހުމަތު އެމަނިކުފާނު ވަނީ ދޮގުކުރައްވާފައެވެ. ރާޖަޕަކްސަ ވިދާޅުވީ އިސްލާމީ ހަރުކަށި ފިކުރުގެ ބަޔަކު ދިން ޖާނުން ފިދާވުމުގެ އެ ހަމަލާތަކަކީ އެމަނިކުފާނު ރައީސްކަމުގެ މަގާމަށް ގެންނަން ކުރި ކަމެއް ކަމަށް ބުނުމަކީ ވަރަށްވެސް މުޑުދާރު ކަމެއް ކަމަށެވެ.

މިހާދިސާގެ ކޯޓު އަޑުއެހުންތަކުގައި އީސްޓާ އެޓޭކް ހަމަލާގައި މަރުވި މީހުންނާއި، ޒަހަމްވި ފަރާތްތަކަށް ބަދަލު ދިނުމަށް ސްރީލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ގެ މައްޗަށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިއީ ހަމަލާތަކުގައި ސަރުކާރުގެ ދައުރު އޮތްކަން ކޯޓުތަކުން ގަބޫލުކުރި ފުރަތަމަ ފަހަރުކަމަށް ރިޕޯޓުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން