އިސްރާއީލަށް ހަމަލާ ނުދޭން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިރާނަށް ގޮވާލައިފިއެވެ.

ބައިޑެން ބައިވެރިވަޑައިގެންނެވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ އިސްރާއީލްގެ ދިފާއުގައި އެމެރިކާއިން ތިބޭނެކަމަށާއި އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަން އިސްރާއީލަށް ލިބޭނެކަމަށެވެ. އަދި އިރާނުން އިސްރާއީލަށް ހަމަލާދީގެން ކާމިޔާބީއެއް ނުލިބޭނެކަމަށެވެ.

ބައިޑެން މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކުން ބުނާ ގޮތުން އިރާނުން އިސްރާއީލަށް 48 ގަޑިއިރާއި 72 ގަޑިއިރުތެރޭގައި ހަމަލާތަކެއް ދޭނެކަމަށް ބުނެފައި ވަނިކޮށެވެ. އިސްރާއީލުން ވަނީ މިހާރުވެސް އެގައުމުގެ ރައްޔިތުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައެވެ. އަދި އިސްރާއީލުގެ ސަރުކާރުންނާއި އަސްކަރިއްޔާއިން ސަލާމަތީ ކަންކަން ވަރުގަދަކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަށް އެޅުމަށް ވަނީ ފަށާފައެވެ.

ސީރިޔާގެ ވެރިރަށް ދިމިޝްކުގައި ހުންނަ އީރާންގެ އެމްބަސީއަށް ދިން ހަމަލާއަކާއި ގުޅިގެން އިރާނުން ވަނީ އެހަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެފައެވެ. އިސްރާއީލުން މި ހަމަލާގެ ޒިންމާ ނުނެގިޔަސް، އެކި ރިޕޯޓުތަކުން ދައްކާ ގޮތުގައި މި ހަމަލާ ދީފައިވަނީ އިސްރާއީލުންނެވެ. މި ހަމަލާގައި އިރާންގެ ރެވަލޫޝަނަރީ ގާރޑް ކޯރޕްސްގެ 7 ސިފައިން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 2 ޖެނެރަލުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން