އޮސްޓްރޭލިޔާގެ ޝޮޕިންގް ސެންޓަރެއްގައި ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން ދިން ހަމަލާއެއްގައި 6 މީހަކު މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ހަމަލާ ދީފައިވަނީ ސިޑްނީގެ ވެސްޓްފީލްޑް ޝޮޕިންގް ސެންޓަރ ގައެވެ. ވީޑިއޯ ތަކުން ފެންނަ ގޮތުގައި މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވި ފިރިހެން މީހާ އެ ޝޮޕިންގް ސެންޓަރު ތެރެޔަށްވަދެ، އެކި މީހުންނަށް ތޫނު ހަތިޔާރެއް ބޭނުން ކޮށް ހަމަލާ ދޭ ތަން ފެނެއެވެ. މިއާއެކު އެވަގުތު އެ ޝޮޕިންގް ސެންޓަރުގައި ވިޔަފާރި ކުރަމުންދިޔަ އެތަށް ބަޔަކު ވަނީ ފިހާރަތަކާއި ކެފޭތަކުގައި ހިމާޔަތް ހޯދާފައެވެ.

އެ ޝޮޕިންގް ސެންޓަރުގައި އެ ވަގުތު ހަރަކާތްތެރިވި އަންހެން ފުލުހެއް ވަނީ އެ ހަމަލާދިން މީހާ އާއި ކުރިމަތިލާފައެވެ. އެ ކުރިމަތިލުން ތެރޭގައި ފުލުސް އޮފިސަރ ވަނީ ބަޑި ޖަހައި، ހަމަލާދިން މީހާ ހުއްޓުވާފައެވެ.

ނިއު ސައުތް ވޭލްސްގެ ޕޮލިސް ކޮމިޝަނަރު ކެރަން ވެބް ވިދާޅުވީ، ޝޮޕިންގް ސެންޓަރ ތެރޭގައި ދިން ހަމަލާގައި 5 އަންހެނުންނާއި 1 ފިރިހެނަކު މަރުވެފައިވާއިރު 1 ތުއްތު ކުއްޖަކުގެ ހާލު ސީރިއަސް ކަމަށެވެ.

އޮސްޓްރޭލިއާގައި އާންމުންގެ މެދުގައި، ބަޑިއާއި ވަކި ސައިޒަކަށްވުރެ ބޮޑެތި ވަޅި ފަދަ ހަތިޔާރު ގެންގުޅުމާ ބެހޭގޮތުން ވަކި ހާއްސަ ގާނޫނުތަކެއް ހެދިފައިވެއެވެ. މި ގާނޫނު ތަކާއި ގުޅިގެން އޮސްޓްރޭލިއާގައި މިކަހަލަ ހާދިސާތަކުގެ އަދަދުތަށް ވަރަށް މަދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން