އަޙްމަދު ޙުމައިދު   14 އޭޕްރީލު 2024 - 11:31
އދ ގެ ސެކްރެޓަރީ ޖެނެރަލް އަދި ސަލާމަތީ މަޖިލީހުގެ ރައީސްއަށް ފޮނުވި ސިޓީއެއްގައި އިސްރާއީލަށް ހަމަލާ ދިނީ އަމިއްލަ ދިފާއުގައި ކަމަށް އިރާން އިން ބުނެފިއެވެ.

އދ އަށް ފޮނުވި ސިޓީގައި އީރާނުން ބުނީ، އިސްރާއީލަށް ހަމަލާ ދިނީ އދ ޗާޓަރުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމިއްލަ ދިފާއީ ހައްގުގައެވެ. އދ ގެ ޗާޓަރުގެ 51 ވަނަ މާއްދާގައި ބުނާގޮތުގައި، އދ ގެ މެންބަރު ގައުމަކަށް ހަމަލާއެއް ދީފިނަމަ، ބައިނަލްއަގްވާމީ ސުލްހައާއި ރައްކާތެރިކަން ދެމެހެއްޓުމަށް ސަލާމަތީ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންދެން، އަމިއްލަ ދިފާއުގައި އަމަލު ކުރެވޭނެއެވެ.

ސަލާމަތީ މަޖިލީހުން ބައިނަލަގްވާމީ ސުލްހައާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފެއިލް ވެ، އިސްރާއީލުން ބައިނަލަގްވާމީ ގާނޫނުތަކާއި ހިލާފްވެފައިވާކަމަށްވެސް އީރާނުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ސަރަހައްދީ އަދި ބައިނަލަގްވާމީ ސުލްހަ އާއި ރައްކާތެރިކަމަށް އިސްރާއީލް އާއި ހެދި ނުރައްކާވާ ކަމަށްވެސް އީރާނުން ބުނެފައިވެއެވެ. ހަމަމިއާއިއެކު، އިރާނުން އދ ގެ ޗާޓަރާއި ބައިނަލަގްވާމީ ގާނޫނާއި ހިލާފްވާނެ ކަމެއް ނުކުރާނެ ކަމަށާއި، މަގުސަދަކީ މެދުއިރުމަތީ ސަރަހައްދުގައި ހަމަނުޖެހުން ހިނގަން ނޫންކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

އީރާނުން އިސްރާއީލަށް ހަމަލާ ދީފައިވަނީ މި މަހުގެ 1 ވަނަ ދުވަހު ސީރިޔާގައި ހުންނަ އިރާންގެ އެމްބަސީއަށް ދިން ހަމަލާގެ ބަދަލު ހިފާނޭކަމަށް ބުނުމަށްފަހުއެވެ. އިސްރާއީލުން އެ ހަމަލާގެ ޒިންމާ ނުނެގިޔަސް، ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ހަމަލާ ދިނީ އިސްރާއީލުންނެވެ. މި ހަމަލާގައި އިރާންގެ ރެވޮލޫޝަނަރީ ގާރޑް ކޯރޕްސްގެ 7 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 2 ޖެނެރަލުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން