ނަމާދުގެ ޖަމާޢަތެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ނަމާދުގެ ޖަމާޢަތެއް (ފޮޓޯ: ސޯޝަލް މީޑިއާ)
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ ގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ ކަމެއް ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.

މައިބަފައިންނަށް އިހްސާންތެރިވެ ހެޔޮކޮށް ހިތުމަށް ގޮވާލައި މިއަދު އިއްވި ޚުޠުބާގައި ބުނެފައި ވަނީ މައިންބަފައިންނަކީ އޯގާތެރިކަމާއި ކުލުނުގެ ބަގީޗާއެއް ކަމަށާއި އެމީހުންނަށް ހެޔޮކޮށް ހިތައި އިހްސާންތެރިވެ، އޯގާތެރިވުމަކީ ﷲ ތަޢާލާގެ ހަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއް ކަމަށެވެ. އަދި އެ ދެމީހުންގެ ހައްގު ނުހަނު މަތިވެރި ކަމަށާއި، އެ ދެ މީހުންގެ ހެޔޮކަމުގެ ބަދަލެއް ނުދެވޭނެ ކަމަށާއި ޚަލްޤުތަކުންގެ އެންމެހާ ރިވެތިކަމުގެ މައްޗަށް އެދެމީހުން ކޮށްދީފައިވާ ހެޔޮކަން ގިނަގުނަވެގެންވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

މައިންބަފައިންނަށް ކަމޭހިތުމަކީ ނަބީބޭކަލުންގެ ޙުލްގުފުޅުކަމަށާއި، އެ ރިވެތި އާދައަކީ މުސީބާތްތަކުން ސަލާމަތްވެ، ބަރަކާތް ޙާސިލްކޮށްދޭ، ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއްކަމަށްވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އެއީ އެކަމުގެ ސަބަބުން ހާސްކަމުން މީހާ ދުރުކޮށް ހިތްހަމަޖެހުން ގެނެސްދޭ ކަމެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ކީރިތި ގުރްއާނުގައި ވަނީ މައިންބަފައިންގެ ދަރަޖަ އާއި އެ މީހުންނަށް އަދަބު އިޙްތިރާމް އަދާކުރަންވާ ގޮތް ބަޔާންކޮށްދެއްވާފައި ކަމަށާއި، އެދެމީހުން ނުވަތަ އޭގެ ތެރެއިން އެކަކު ނަމަވެސް މުސްކުޅި އުމުރާ ބައްދަލުކުރާ ހިނދު، ކައިރީގައި ތިބޭ ދަރީން މައިންބަފައިންނަށް އަޅާލައި، އޯގާތެރިވާން ޖެހޭ ކަމުގައި އަންގަވާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަދި މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށް އިހްސާންތެރި ވުމަށާއި، އަދި ހުރިހާ ގޮތަކުން ރަހިމުގެ ގުޅުން ބަދަހިކުރުމަށް ޚުތުބާގައި ގޮވާލިއެވެ. މައިންބަފައިންނަކީ ﷲގެ ޘަވާބާއި، އެކަލާނގެ ރުހިވޮޑިގަތުން ލިބިގަތުމަށް އޮތް ވަސީލަތެއް ކަމަށާއި، އެއީ ރިޒްޤު ތަނަވަސްވެ، މުޅި އުމުރު ސާލިހު އަމަލު ކުރުމުގައި ދަމަހައްޓަވައި ދެއްވުމުގެ ވަސީލަތެއް ކަމަށް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ. ﷲގެ ރުހުން އެދޭކަމަށް ވަނީ ނަމަ މައިންބަފައިންގެ ރުހުން ހޯދަން ޖެހޭ ކަމަށާއި، ބާއްޖަވެރި އަކީ މާތްﷲ އަށް ތަޤްވާވެރިވުމަށްފަހު އެމީހެއްގެ މައިންބަފައިންނަށް ހެޔޮކޮށް ކަންތައް ކުރާ މީހާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ﷲގެ ރަޙުމަތްފުޅުން މައިންބަފައިންނަށް ހެޔޮކޮށް ހިތުން ވަނީ ދެމިގެންދާ ކަމެއްގެ ގޮތުގައި ލައްވާފައި ކަމަށާއި، އެދެމީހުން ކުރެ މީހަކު ނުވަތަ އެދެމީހުން ދުނިޔެ ދޫކުރުމަށްފަހުގައި ވެސް ހެޔޮކޮށް ހިތޭނެ މަގު ﷲ ވަނީ ފަހިކޮށްދެއްވާފައި ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. އެއީ އެ މީހުންނަށްޓަކައި ހެޔޮދުޢާ ކޮށްދީ އެ ދެ މީހުންގެ މަތިން ޞަދަޤާތް ކޮށް، އެމީހުންގެ ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށް، ރަހިމުގެ ގުޅުން ދަމަހައްޓައި، އެ މީހުންގެ ގާތް ރަހުމަތްތެރިންނަށް ހެޔޮކޮށް ހިތުމުން ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ

ޚުޠުބާގައި އިތުރަށް ބުނެފައިވަނީ މައިންބަފައިންގެ ކިބައިން ނުރުހެވޭ ފަދަ ބައެއް ކަންތައްތައް ފެނުނު ކަމުގައި ވިޔަސް، މައިންބަފައިންނާ ދެކޮޅު ހެދުމެއް ނެތި، އެ މީހުންނަށް ކިޔަވަންތެރިވާން ޖެހޭ ކަމަށެވެ. އަދި އެއީ އެ މީހުންނަކީ މުޝްރިކުން ކަމުގައި ވި ނަމަވެސް އެކަން އޮތީ އެގޮތުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން