ޞާދިރު ޢަލީދީދީ   8 އޯގަސްޓު 2020 - 13:53
ދުނިޔެ: ދުނިޔެ ޤިޔާމަތްވާނެ ވަޤުތު ދެނެވޮޑިގެންނަވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.
ދުނިޔެ: ދުނިޔެ ޤިޔާމަތްވާނެ ވަޤުތު ދެނެވޮޑިގެންނަވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.
ކުރީގެ އަދަދާއިގުޅޭ

ﷲ ރުއްސުންލެއްވި ޢުމަރު ފާރޫޤްގެ ކިބައިން ރިވާވެގެން ވެއެވެ. ކޮންމެވެސް މީހެއްގެ ސުވާލުގެ ޖަވާބުގައި ރަސޫލު صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ތިމަންރަސޫލާ ކަލެއަށް ޤިޔާމަތް ކައިރިވުމުގެ ބައެއް އަލާމާތްތައް ބުނެދެއްވާނަމެވެ.

އަޅުއަންހެނާ އޭނާގެ މިލްކުވެރިޔާ ވިހެއުމާއި ނިކަމެތި ދެރަމީހުން އެހެންމީހުންގެ ވެރިންނަށްވުމާއި، ބަކަރިގޮވީންގެ ޢިމާރާތްތައް އުސްވެއުފުލިގެން ވުމާއި، މިކަންތަކަކީ ޤިޔާމަތް ކައިރިވުމުގެ ޢަލަމާތްތަކެވެ.

ޢިލްމުވެރިން މީގެ ޝަރަޙާގައި ލިޔުއްވާފައިވެއެވެ. އަޅުއަންހެނާ އޭނާގެ މިލްކުވެރިޔާ ވިހެއުމޭ އޮތް ބަސްފުޅުގެ މުރާދަކީ އަޅުއަންހެނުންގެ ދަރީންތައް ގިނަވާނެ ވާހަކައެވެ. ބައެއްބޭކަލުން ލިޔުއްވާފައިވަނީ އޭގެ މުރާދަކީ ދަރިން މައިންބަފައިންގެ ބަސްނާހާ، މައިންބަފައިންގެ މައްޗަށް އަމުރު ހިންގާ އުޅޭނެ ވާހަކަކަމުގައެވެ.

ނިކަމެތި ދެރަމީހުންގެ އަތް މައްޗަށް ވެރިކަން ދިޔުމުގެ މުރާދަކީ ޤައުމުތަކުގެ ވެރިކަން އަމިއްލަ އެދުންތަކުގެ އަހްލުވެރިންގެ އަތް މައްޗަށް ދާވާހަކައެވެ. ޢިމާރާތްތަކުގެ މައްޗަށް ދެރަނިކަމެތި ފަޤީރުން ފަޚްރުވެރިވެ އުޅުމުގެ މާނައަކީ އެމީހުން އެމީހުންގެ މާޟީ ހަނދާން ނައްތާލާ އަދި މަރުުވުންވެސް ހަނދުމަ ނައްތާލާނޭ ވާހަކައެވެ.

ﷲ ރުއްސުންލެއްވި ޙުޛައިފާގެ ކިބައިން ރިވާވެގެން ވެއެވެ. އެއްފަހަރަކު ރަސޫލު صلي الله عليه وسلم ތިމަންމެންގެ މަޖިލިސްއަކަށް ވަޑައިގެންނެވިއިރު ތިމަންމެން ތިއްބެވީ ކޮންމެވެސް ވާހަކައެއްގައެވެ. އެވަގުތު އެމަންޒަރު ފެނިވަޑައިގެން صلي الله عليه وسلم އެއްސެވިއެވެ. "ކޮންވާހަކައެއްތޯއެވެ." މީސްތަކުން ދެންނެވިއެވެ. ޤިޔާމަތާބެހޭ ވާހަކައެވެ. ހަމަ އެވަގުތު ރަސޫލު صلي الله عليه وسلم ޙަދީޘްކުރެއްވިއެވެ. އޭގެކުރިން 10 ނިޝާނެއްފާޅުނުވަނީސް ޤިޔާމަތް ޤާއިމުނުވާނެއެވެ. އެހެން ޙަދީޘް ކުރެެއްވުމަށް ފަހު އެ ދިހަ ނިޝާންވެސް ބަޔާންކޮށްދެވިއެވެ.

އެގޮތުން، މިބަލާލަނީ ރަސޫލު صلي الله عليه وسلم ހަދީސްކުރައްވާފައިވާ ދިހަ ނިޝާންތަކަކީ؛-

1. ދުން

2. ދައްޖާލު

3. ބިމުގެ ދާއްބަ

4. ހުޅަނހުން އިރުއެރުން

5. ޢީސާގެފާނު ދުނިޔެއަށް ވައިބާވަޑައިގެންނެވުން

6. ޔާޖޫޖު މާޖޫޖު

7. މަޝްތިޤާއިވީ ފަރާތުން ބިންގަނޑު ކަނޑާ އަޑިއަށް ގެނބިދިއުން

8. މަޣްރިބް ފަރާތުން ބިންގަނޑު ކަނޑާ އަޑިއަށް ގެނބިދިއުން

9 ޢަރަބި ޖަޒީރާތަކުގައި ބިންގަނޑު ކަނޑާ އަޑިއަށް ގެނބިދިއުން

10. ޔަމަނުން ވަރުގަދަ އަލިފާންގަނޑެއް ފާޅުވެ އެ އަލިފާންގަނޑުގެ ތެރެއަށް މީސްތަކުން ދަމައިގަނެ މަޙްޝަރާ ދިމާލަށް ގެންދިޔުމެވެ. (މުސްލިމް)

މިތާނގައި ޚާއްޞަގޮތެއްގައި ސިކުނޑީގައި ބަހައްޓަންޖެހޭ ނުކުތާއަކީ، މިޙަދީޘްގައި ބަޔާންވެގެން އެވާ ޢަލާމާތްތަކަކީ ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމާތްތައް ކަމެވެ. މިސިލްސިލާގެ އަދިވެސް ވަރަށް ގިނަ ޙަދީޘްތައްވެއެވެ. ގާތްގަނޑަކަށް ހުރިހާ ޙަދީޘެއްގައިވެސް ބަޔާންވެގެންވަނީ ބޮޑެތި ޢަލާމާތްތަކާބެހޭ ގޮތުންނެވެ. އެހެންނަމަވެސް މިޢަލާމާތްތައް ފާޅުވުމުގެ ތަރުތީބާމެދު އިޚްތިލާފު ވެއެވެ. ބައެއް ރިވާޔަތްތަކުގައި އަރާރުންވެސް އުފެދެއެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށް ވެފައިވަނީ ގިނަ ރިވާޔަތްތައް ބަޔާންކުރެއްވި ބޭކަލުން ރަސޫލު صلي الله عليه وسلم ޙަދީޘްގެ މާނަ ދޭހަވާ ގޮތުން އަމިއްލަފުޅު ބަސްތައް ބޭނުންކުރައްވާފައިވާ ކަމެވެ. މިހެންކަމުން އޭގެ ތަޢުބީރުގައި އިޚްތިލާފު އުފެދުނީއެވެ.

ނަމަވެސް ފާޅުމުގެ ތަރުތީބާމެދު އިޚްތިލާފު ވެފައިވާ ޢަލާމާތްތައް ޢިލްމުވެރިން ޝަރަޙަކޮށްފައިވާގޮތްތަކަށް ކުރުގޮތަކަށް ބަޔާންކުރެވޭތޯ ބަލާނަމެވެ.

1. ދުން

އިމާމް ނަވަވީ ﷲ ރުއްސުންލެއްވި ޙުޛައިފާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލު صلي الله عليه وسلمގެ އަރިއަހަށް ޤިޔާމަތުގެ ޢަލާމާތް ބަޔާންކުރައްވަމުން ތިމަން ދެންނެވީމެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ދުން އެއީ ކޮންއެއްޗެއްތޯއެވެ؟ " އެވަގުތު ރަސޫލު صلي الله عليه وسلم ވިދާޅުވިއެވެ. "އުޑު ފާޅުވެގެންވާ ދުންގެންނަ ދުވަހަކަށް އިންތިޒާރުކުރާށެވެ. އެދުން މީސްތަކުން ނިވައިކޮށްގެންފާނެއެވެ. މިއީ ވޭންދެނިވި އަޒާބެކެވެ." މިފަދައިންނެވެ.

ދެން ޙަދީޘްކުރެއްވިއެވެ. ދުން، މަޝްރިޤުންފެށިގެން މަޣްރިބަށް ފެތުރި ނިވައިކޮށްގެންފާނެއެވެ. އަދި ސާޅީސް ދުވަސްވާންދެން ދެމިއޮންނާނެއެވެ. މުސްލިމުންނަށް މިއިން އަރިދަފުސް ވެދާނެއެވެ. ކާފިރުން ހޭނެތިދާނެއެވެ. އަދި އެމީހުންގެ ނޭފަތާއި ކަންފަތާއި ފޫޅުން ދުން ނިކުންނާނެއެވެ.

2. ދައްޖާލު

މިއީ ވަރަށް ޢަޖާއިބުވާފަދަ ޝަޚްޞިއްޔަތެއްގެ ވެރިއެކެވެ. ދައްޖާލު ފާޅުވުން ބެލެވޭނީ ޤިޔާމަތް ކައިރިވުމުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރެއިންނެވެ. މިއާބެހޭގޮތުން ވަރަށް ގިނަ ޙަދީޘް ރިވާވެގެން ވެއެވެ. ދައްޖާލު ފާޅުވާނެ ކަމާމެދު އެއްވެސް ކަހަލަ ދެބަސްވުމެއް އަދި ސުވާލެއްވެސް ނުވެއެވެ. އެހެނަސް ދައްޖާލުގެ ސިފަތަކާއިޚަޞީލަތާއިމެދު ދަންނަބޭކަލުންގެ މެދުގައި ވަރަށް ބޮޑު އިޚްތިލާފުތައް ވެއެވެ.

ކޮންމެއަކަސް މިތާނގައި މަޢުޟޫޢަކީ އެފަދަ ރިވާޔަތްތަކާއި އިޚްތިލާފުތައް ތަޙްޤީޤުކުރުމެއް ނޫނެވެ. މިހެންކަމުން މިތާގައި ދައްޖާލުގެ ޝަޙްޞިއްޔަތާއި ސިފަތަކާއިމެދު ތަފާތު ރިވާޔަތްތަކުން އައިސްފައިވާ ބަޔާނުގެ ޚުލާސާ ބަޔާން ކޮށްލުމުގެ މައްޗަށް ފުއްދާލަމެވެ.

ފަހު ޒަމާނުގައި އިރާގާއި ޝާމްކަރައާއި ދެމެދުން އެއްލޯ ފަން ޔަހޫދީއަކު ފާޅުވާނެއެވެ. އޭނާ ތިމަންނާއީ މަސީޙް ކަމަށް ދަޢުވާ ކުރާނެއެވެ. އޭނާއަކީ ވަރަށް މަކަރުވެރި ދޮގުވެރިއެކެވެ. އޭނާގެ ދެބުމަދެމެދުގައި "ކާފިރު" މިހެން ލިޔެވިގެން ވާނެއެވެ. ކޮންމެ މުސްލިމަކަށްވެސް އެކިޔާލެވޭނެއެވެ. ޢުމުރުގެ ގޮތުން އޭނާވާނީ ޒުވާނަކަށެވެ. ބޮލުގެ އިސްތަށިގަނޑުވާނީ ބުޅިކޮންނެވެ. ހަތްދިހަހާސް ޔަހޫދީން އޭނާއެކު ވާނެއެވެ. އޭނާ ހުރިހާ ފަރާތެއްގައި ފަސާދަ އުފައްދާނެއެވެ. އަދި ބިމުގައި ސާޅީސް ދުވަސްވާންދޭން ހުންނާނެއެވެ. ބައެއް ރިވާޔަތްތަކުން ފެންނަ ގޮތުގައި އެސާޅީސް ދުވަހުގެ ތެރޭގައި އޭނާ މުޅިބިމުގެ ވަށައިގެން ހިނގާލާނެއެވެ. އޭގެ އެއްދުވަސް އަހަރަކާ އެއްވަރުވާނެއެވެ. އަނެއް ދުވަސް މައްސަރަކާ އެއްވަރު ވާނެއެވެ. ތިންވަނަ ދުވަސް ހަފްތާއަކާ އެއްވަރު ވާނެއެވެ. އަދި އެހެން ދުވަސްތައް ޢާއްމުދުވަހެކޭ އެއްވަރު ވާނެއެވެ. ބައެއް ޢިލްމުވެރިން މިދުވަސްތައް ޝަރަޙަ ކުރައްވަމުން ވިދާޅުވެފައިވެއެވެ.

އެދުވަސްކޮޅު މުސްލިމުންގެ މައްޗަށް މުޞީބާތްތަކާއި އާފާތްތައް ބޮޑުވެގެންގޮސް އެމީހުންނަށް އެއްދުވަސް އިޙްސާސްވާނީ އެއްއަހަރު ދުވަސްކަމުގައެވެ.

ދައްޖާލުއާއެކު އާދަޔާ ޚިލާފު ބާރުތަކެއް ވާނެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެބާރަކީ ﷲ ދައްޖާލަށްޓަކައި ޚާއްޞަކޮށްދެއްވާފައިވާ ބާރުތަކެއް ކަމުގައެވެ. މާތް ﷲ އެކަން އެގޮތަށް ލައްވާފައިވަނީ އީމާންކަމުގެ އަޙްލުވެރިންނަށް އިމްތިޙާނަށްޓަކައެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ ދައްޖާލުގެ ކިބައިން ފާޅުވާ އާދަޔާ ޚިލާފުކަންތަކަކީ ޙަޤީޤަތެއް ނުވާ ޖާދޫގެ ކަންތައްތަކެއް ކަމުގައެވެ. އޭނާގެ އާދަޔާޚިލާފު ކަންތައްތައް ފެނުމުން މުއުމިނުންގެ އީމާންކަމާއި ޔަޤީންކަން އިތުރުވެ ވަރުގަދަ ވާނެއެވެ. އަދި އެއީ، އޭނާއަކީ ދޮގުވެރިއެއްކަމުގެް، ހެކިތައް ކަމުގައި އެމީހުން ދެކޭނެއެވެ. ކޮންމެއަކަސް، އެބައިމީހުންގެ ހިތްތަކުގައި އިތުރު ޝައްކުތައް އުފެދި މަގުފުރެދިގޮސް ދައްޖާލާއި އެއްބައިވެގެން ފާނެއެވެ. ދައްޖާލުގެ ކިބައިން ފާޅުވަ އާދަޔާ ޚިލާފު ކަންތައްތަކުގެ ތެރެއިން އަންނަނިވި ކަންތައްތައް ވާނެއެވެ.

- އުޑުން ވާރޭވެހުން.

- ބިމުން ގަސްފެޅުން.

- ބިމުން، ޚަޒާނަތައް ނެރެ ބޭރުކުރުން.

- މުސްލިމަކު ޤަތުލުކުރުމަށް ފަހު އަލުން ދިރުވުން.

- އޭނާގެ އަމިއްލަ ސުވަރުގެއަކާއި ނަރަކައެއްވުން.

- އޭނާގެ ސުވަރުގެއަކީ ޙަޤީޤަތުގައި ނަރަކައެވެ. އޭނާގެ ނަރަކައަކީ ޙަޤީޤަތުގައި ސުވަރުގެއެވެ. މާނައަކީ، ދައްޖާލު އޭނާ ސުވަރުގެއަށް ވައްދާމިހުން ﷲ ވައްދަވާނީ ނަރަކައަށެވެ. އަދި އޭނާގެ ނަރަކައަށް ވައްދާމީހުން ﷲ ވައްދަވާނީ ސުވަރުގެ އަށެވެ. ކޮންމެއަކަސް ދައްޖާލުގެ ފިތުނަ ބޮޑުވެގެންގޮސް އިންތިހާއަށް ދާތަނުން ޢީސާ ޢަލައިހިއްސަލާމް ބިމަށް ފައިބާ ވަޑައިގަންނަވާނެއެވެ. އަދި ދައްޖާލު ޤަތުލު ކުރައްވާނެއެވެ. އަދި އޭނާގެ ލަޝްކަރު ނެތިކޮށްލައްވާނެއެވެ.

*********

* މިލިޔުމަކީ އައްޝައިހް އިދްރީސް ހުސައިން ނެރުއްވާފައިވާ "ޤިޔާމަތް ކައިރިވެއްޖެ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން