މިވަގުތަކީ އިސްރާއިލުން ޣައްޒާގައި ހިންގަމުން ގެންދާ ހަނގުރާމަ ހުއްޓާލަން ވީ ވަގުތު ކަމަށް ވިދާޅުވެ ހަނގުރާމަ ހުއްޓާލުމުގެ މަގުޗާޓެއް އެމެރިކާގެ ރައީސް ޖޯ ބައިޑަން މިރޭ ހުށައަޅުއްވައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ، އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެވޭ ވަރަށްވުރެ މިހާރު ހަމާސް ޖަމާއަތް ބަލިކަށިވެފައިވާ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅަކީ ޣައްޒާ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ކަމަށް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލަން ބޭނުންވާ މަގު ޗާޓެއް މިރޭ އިއުލާން ކުރަށްވާފައެވެ. ބައިޑަން ހުށައެޅުއްވީ ތިން ފިޔަވައްސަކަށް ބަހާލައިގެން ޣައްޒާ ހަނގުރާމަ ހުއްޓާލާނެ މަގު ޗާޓެކެެވެ.

އެގޮތުން ބައިޑަން އިއުލާން ކުރެއްވި މަގުޗާޓްގައިވާ ގޮތުން ފުރަތަމަ ފިޔަވަހީގައި ހަ ހަފްތާއަށް އިސްރާއީލުން ޣައްޒާއަށް ހަަމަލާތައް މެދުކަނޑާލަން ޖެހެއެވެ. އަދި މި މުއްދަތުގައި ޣައްޒާގެ ބައިބޯ ހުރިހާ ސަރަހައްދަކުން އިސްރާއީލްގެ ސިފައިން ފައިބަން ޖެހޭނެ ކަމަށާއި އަދި މިހަފްތާ ތެރޭގައި ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލުގެ ބައެއް އަސީރުން މިނިވަން ކުރަން ޖެހޭނެ ކަމަށް އެމަގު ޗާޓްގައި ބުނެފައިވެއެވެ.

އޭގެ ތެރޭގައި އަންހެނުންނާއި މުސްކުޅިން އަދި ޒަހަމްވެފައިވާ މީހުން ހިމަނަން ޖެހޭނެ ކަމަށާއި އެ މީހުންގެ ތެރޭގައި އެމެރިކާގެ އަސީރުން ހިމެނުން އެއީ މަޖުބޫރު ކަމެއް ކަަމަށް އެމަގުޗާޓްގައި ބުނެއެވެ. ހަމާސް އިން މިނިވަން ކުރާ މަދު އަސީރުންގެ ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ އެތައް ބަޔަކު މިނިވަން ކުރަން ފުރަތަމަ ފިޔަވަހީގައި މަގުޗާޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދެވަނަ ފިޔަވަހީގައި ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއީލުގެ މަރުވެފައިވާ މީހުންގެ ހަށިތައް އިސްރާއިލަށް ފޮނުވަން ޖެހޭއިރު މި ފިޔަވަހީގައި މަގުމަތިކޮށްފައިވާ ޣައްޒާގެ ހުރިހާ ރައްޔިތުންނަށް އެ މީހުން ނިސްބަތްވާ ސަރަހައްދުތަަކަށް ދިއުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް އެމަގުޗާޓްގައި ބުނެއެވެ. އޭގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ މީހުން ދިއުމަށް ދެކޮޅު ހަދާ ޣައްޒާގެ އުތުރު ސަރަހައްދުވެސް ހިމަނަން ޖެހޭނެ ކަމަށާއި އަދި ދުވާލެއްގެ މައްޗަށް 600 ޓްރަކްގެ އެހީގެ ތަކެތި ޣައްޒާއަށް ފޮނުވަން ޖެހެއެވެ. ބައިނަލްއަގްވާމީ އެކި ފަރާތްތައް މެދުވެރިވެ، ޣައްޒާއަށް އެތައް ލައްކަ ޓެންޓް ފޮނުވާ މީހުން ވަގުތީގޮތުން ދިރިއުޅެވޭ ގޮތް ހަދަން ޖެހޭނެ ކަމަށް އެމަގު ޗާޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ތިން ވަނަ ފިޔަވަހީގައި ޣައްޒާ އަލުން އާރާސްތު ކުރުމަށް ޕްލޭނެއް ހަދަން ޖެހޭނެ ކަމަށާއި މި ފިޔަވަހީގައި ހަނގުރާމަ އެކީ ހުއްޓާލާ އިސްރާއީލުން މުޅި ޣައްޒާއިން ފައިބަން ޖެހޭނެ ކަމަށް އެ މަގު ޗާޓުގައި ބުނެއެވެ. އަދި ހަމާސް އިން ހިފަހައްޓާފައިވާ ބާކީ ތިބި އަސީރުން މިނިވަން ކުރަން ޖެހޭނެ ކަމަށް އެމަގު ޗާޓްގައި ވަނީ ބުނެފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، މި މަގުޗާޓާއި އެއްގޮތަށް ހަމާސްއިން އެއްބަސްވެއްޖެ ނަމަ މިހާރުން މިހާރަށް ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށެވެ.

ޣައްޒާގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން މިރޭ ބުނީ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓާލަން ބޭނުންވެ އެމެރިކާ މެދުވެރިކޮށް ހުށަހެޅި ހުށަހެޅުންތައް މިހާރު ދިރާސާ ކުރަމުންދާ ކަމަށެވެ.

އެމެރިކާގެ މަގުޗާޓާއި ބެހޭގޮތުން އިސްރާއިލްގެ ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލުއާއްމުގައި މިހާތަނަށް ޣައްޒާގެ 37،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަން ފާހަގަކޮށްލެވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން