ޣައްޒާގެ ދެކުނުގައި ހޮސްޕިޓަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުވެ ދިހަވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ނޫސް އެޖެންސީ، ވަފާއިން ބުނެފިއެވެ.

ހޯމަ ދުވަހު ރަފާއާއި ޚާން ޔޫނިސްއަށް ދިން ހަމަލާތަކުގައި 30 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ވަފާއިން ވަނީ ބުނެފައެވެ.

ޒަޚަންވި މީހުން ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ގެނެސްފައިވީ ނަމަވެސް އެތަނުން ކަރަންޓް ކެނޑުމުން ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

ފަލަސްތީނުގެ އޮފިޝަލުން ބުނީ ހަމަލާދިނުމުގެ ކުރިން 24 ގަޑިއިރުގެ ތެރޭގައި 40 މީހުންގެ ހަށިގަނޑު ހޮސްޕިޓަލްތަކަށް އައިސްފައިވާއިރު، އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި މަރުވި މީހުންގެ އަދަދު ވަނީ 37،124 އަށް އަރާފައެވެ. އަދި މި ހަމަލާތަކުގައި 84،700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ތިބީ މިހާރު ރަފާގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ފަހުން މިލިއަނެއްހާ މީހުން އެ ސަރަހައްދުން ފިލައިގެން ގޮސްފައިވާ ކަމަށް އދ. އިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން