ސައުދީ އަރަބިއްޔާއާއި އެމެރިކާއާއި ދެމެދު އޮތް ޒަމާންވީ ޕެޓްރޯޑޮލަރ އެއްބަސްވުން އާނުކުރަން ސައުދީން ނިންމައިފިއެވެ.

ފަންސާހަކަށް އަހަރުވީ މިއެއްބަސްވުމުގައި ދެގައުމުން ސޮއިކޮށްފައިވަނީ 1974 ވަނަ އަހަރުއެވެ. އެމެރިކާއާއި ސައުދީ އަރަބިއްޔާއާ ދެމެދު ވެވުނު މި ޕެޓްރޯޑޮލަރ އެއްބަސްވުމުގެ ދަށުން ތެލުގެ އަގު ކަނޑައަޅައި ވިޔަފާރި ކުރަން ޖެހެނީ ހަމައެކަނި އެމެރިކާ ޑޮލަރުން ކަމަށް ޝަރުތުކޮށްފައި ވުމާއިއެކު ދުނިޔޭގެ ޕްރައިމަރީ ރިޒާވް ކަރަންސީގެ ގޮތުގައި ޑޮލަރުގެ ދަރަޖަ ވަރުގަދަވެގެން ދިޔުމަށް ބޮޑު އެހީއަކަށް މިއެއްބަސްވުން ވެގެން ދިޔައެވެ.

މި އެއްބަސްވުމުގެ ދަށުން ޑޮލަރުން ތެލުގެ އަގު ކަނޑައެޅުމާއި ތެލުގެ އާމްދަނީއިން އެމެރިކާގެ އެސެޓްތަކުގައި އިންވެސްޓްކުރުމުގެ ބަދަލުގައި، ސައުދީ އަރަބިއްޔާއަށް އެމެރިކާއިން އަސްކަރީ ސަޕޯޓާއި ސަލާމަތީ ކަންކަމުގެ ޔަގީންކަން ދީފައިވެއެއެވެ. ދެގައުމުގެ މި ގުޅުމާއެކު އެމެރިކާގެ ޑެފިސިޓްތަކަށް ފައިނޭންސްކޮށް، ޑޮލަރު ހަމައަކަށް އަޅުވައި، އިޤްތިޞާދީގޮތުން ދުނިޔޭގައި ބާރުވެރި ގައުމަކަށް އެމެރިކާ ވެގެންދިޔުމަށް އެހީތެރިކަން ލިބިގެން ދިޔައެވެ.

ޕެޓްރޯޑޮލަރ އެއްބަސްވުން އާ ނުކުރަން ނިންމުމަކީ ސައުދީ އަރަބިއްޔާގެ އިގްތިސާދީ ގުޅުންތައް ބަދަލުކޮށް، ޗައިނާގެ އާރުއެމްބީ، ޔޫރޯ، ޔެން، އަދި ޔުއާން ފަދަ އެތައް ފައިސާއަކުން ތެލަށް ފައިސާ ދެއްކުން ބަލައިގަތުމުގެ ދޮރު ހުޅުވިގެންދާނެ ކަމެކެވެ. މި ފިޔަވަޅަކީ ދުނިޔޭގެ އިގްތިސާދުގައި މަލްޓިޕޮލަރިޓީގެ ޓްރެންޑެއް ދައްކުވައިދޭ ފިޔަވަޅަކަށް ވީއިރު ބައިނަލްއަގްވާމީ ވިޔަފާރިއާއި މާލިއްޔަތުގައި އެމެރިކާ ޑޮލަރުގެ ބާރުވެރިކަމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ފިޔަވަޅެކެވެ.

ސައުދީ އަރަބިއްޔާގެ މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ ޑިމާންޑް ދަށްވެގެން ދިއުމާއިއެކު އެމެރިކާ ސަރުކާރަށް ހަރަދު ބޮޑުވެ ލޯނު ނަގަައި އެޔަށް ބަރޯސާވުން އިތުރުވުމުގެ އިތުރުން، މިއެއްބަސްވުން ނިމުމުން އެމެރިކާއާއި ސައުދީއާ ދެމެދު އޮތް ގުޅުން ހީނަރުވެ، ހާއްސަކޮށް އަސްކަރީ އެއްބާރުލުމާއި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމުގައި ދަތިތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ.

ސައުދީ އާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ ޕެޓްރޯޑޮލަރ އެއްބަސްވުން އާކުރުމަށް ރާވާފައިވާކަން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވާއިރު، 50 ވަރަކަށް އަހަރު ދުވަހުގެ މި އެއްބަސްވުން ނިމުމަކަށް އައުމާއެކު، ދުނިޔޭގެ މާލީ ނިޒާމަށް މުހިންމު ބޮޑު ބަދަލެއް އަންނާނެ ކަމަށް ކަމާބެހޭ މާހިރުން ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

އެކޮއި

23 ގަޑި ކުރިން

ސައުދި އަރަބިޔާގެ ނިންމުން ވަރައް ރަގަޅުކަމަށް އަޅުގަޑު ގަބޫލުކުރަން



ޓްރެންޑިން