ދުނިޔޭގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން މަރުވިއިރު އެކި ކްރެޑިޓަރުންނަށް އޭނާ 500 މިލިއަން ޑޮލަރަށް ވުރެ ބޮޑުއަދަދެއް ދައްކަން ޖެހިފައި ކަމަށް ކޯޓުގެ އާ ލިޔެކިޔުންތަކުން ހާމަވެއްޖެ އެވެ.

ޖެކްސަންގެ ހަރަދުތަކަށް ބަލާއިރު އޭނާގެ އެންމެ ފަހުގެ އަހަރުތަކުގައިވެސް އަހަރަކު 30 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރާ ކަމަށަ ލޮސް އެންޖެލިސް ޓައިމްސް އިން ބުނެ އެވެ. އެ އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2013 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާގެ މަރުގެ ޝަރީއަތް ހިނގިއިރު އެފަހަރު ޝަރީއަތް ހިނގީ ބޮޑަށް އޭނާ އާ ދެކޮޅަށެވެ.

އެގޮތުން އެ ޝަރީއަތުގައި އޭއީޖީ ލައިވްގެ ފަރާތުން ދިފާއީ ހެކިވެރިއެއްގެ ގޮތުގައި ހެކިބަސް ދިން ޕަބްލިކް އެކައުންޓެންޓް ވިލިއަމް އާރް އެކަރމަން ވަނީ ލަވަކިޔުންތެރިޔާގެ މާލިއްޔަތުގެ ތަފްސީލު ކިޔައިދީފައެވެ.

ވިލިއަމް އާރް އެކަރމަން ޝަރީއަތުގައި ބުނީ ޖެކްސަން އޭނާގެ މިލްކިއްޔާތުގެ ގިނަ ފައިސާ ހިލޭ ސާބަހަށް ހަދިޔާ ކުރާ ކަމަށާއި އޭގެ އިތުރަށް ރަން ގަތުމަށާއި ފަރުނީޗަރު އަދި ދަތުރުތައް ކުރުމަށްވެސް ބޭނުން ކުރާ ކަމަށެވެ.

1993 ވަނަ އަހަރުގެ ކުރީކޮޅު ވެސް ޖެކްސަންގެ ދަރަނީގެ މައްސަލަ އޮތްކަން ކޯޓުގެ ލިޔެކިޔުންތަކުން ހާމަވެއެވެ. އެގޮތުން 1998 ވަނަ އަހަރު އޭނާ 140 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށް އެ ރިޕޯޓުން ބުނެ އެވެ. އަދި 2001 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2009 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖެކްސަންގެ ދަރަނި ގާތްގަނޑަކަށް 170 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން ފާހަގަކުރެވުނެވެ.

އެކަރމަން ހެކިބަސް ދިން ގޮތުގައި ޖެކްސަންގެ ލޯނުތަކުގެ އިންޓަރެސްޓް ވެސް އަހަރުތަކުގެ ތެރޭގައި އިތުރުވެ، އަހަރަކު %7 ދައްކަމުން އައި އިންޓަރެސްޓް %16.8 އާއި ދެމެދުގެ އަދަދަކަށް އިތުރުވެފައިވެއެވެ.

އުމުރުން 50 އަހަރުގައި ޖެކްސަން މަރުވީ އެމެރިކާގެ ލޮސް އެންޖެލިސްގައި 2009 ޖޫން 25 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން