އިރާނުގައި އިއްޔެ ބޭއްވި ރިޔާސީ ބައި އިލެކްޝަންސްގައި ވޯޓުލާފައި ވަނީ ވަރަށް މަދު ބައެކެވެ.

އިރާނުގައި ރިޔާސީ ބައި އިލެކްޝަންއެއް ބާއްވަން ޖެހުނީ އެ ގައުމުގެ ރައީސްކަން އެންމެ ފަހުން ކުރެއްވި އިބްރާހިމް ރައީސީ، އެމަނިކުފާނު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އަވަހާރަވުމާ ގުޅިގެން ނެވެ.

އިރާނުގެ އާ ރައީސްއަކު ހޮވުމަށް އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 80 އެއްހާ ކެނޑިޑޭޓޫން ކުރިމަތިލި އެވެ.

ނަމަވެސް އިރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސްއިން ގިނަ ބަޔަކު ޑިސްކޮލިފައިކޮށްލުމަށް ފަހު އިންތިހާބުގައި ވާދަކުރަން ހުއްދަ ދިނީ އެންމެ ހަ ކެނޑިޑޭޓުންނަށެވެ. އޭގެ ތެރެއިން ދެ ކެނޑިޑޭޓަކު ވަނީ ފަހުން ނަން ނަންގަވައިފަ އެވެ. އެއާއެކު އިންތިހާބުގައި ވާދަކުރީ އެންމެ ހަތަރު ކެނޑިޑޭޓޫން ނެވެ.

މި އިންތިހާބުގެ ފުރުތަމަ ނަތީޖާ އަށް ބަލާއިރު އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތަ ނުލިބޭތީ އިންތިހާބު ދެވަނަ ބުރެއް ބާއްވާން ވަނީ ހަމަޖެހިފައެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރުތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބުނު މަސްއޫދު ޕެޒެޝްކިއާންއާއި ސައީދު ޖަލީލީ އެވެ.

ނަމަވެސް އިންތިހާބުގައި ވޯޓުލާން ނުކުތީ އެންމެ 40 އިންސައްތަ މީހުންނެވެ. މިއީ 1979 ވަނަ އަހަރުގެ ފަހުން ރިޔާސީ އިންތިހާބެއްގައި ވޯޓުލާން އެންމެ މަދުން މީހުން ނުކުތް ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން