ޔަހޫދީންނާ މުސްލިމުންނާ ދެމެދު ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އިސްރާއީލުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިޔަށް ގެންގޮސްފިއެވެ. އިސްރާއީލުގެ ޓެލް އަވީވްގެ ސަރުކާރާ ދެކޮޅު މުޒާހަރާ އިންތިޒާމްކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ހޮނިހިރު ދުވަހުގެ ރޭގެ މުޒާހަރާގައި 130،000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

މިހާރު ޔަހޫދީން ކުރަމުންދާ މުޒާހަރާގައި އެމީހުން ގޮވާލަމުން ދަނީ ހަނގުރާމައިގައި ޣައްޒާއިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ އެގައުމުގެ ރައްޔިތުން ދޫކޮށްލުމަށެވެ. އަދި ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިޖާބަ ދިނުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ އެދިފަ އެވެ.

އިސްރާއީލުގެ އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުންދާއިރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރެވޭ ކަމަށް ހަމާސްއިން ވަނީ ދާދިފަހުން ބުނެފަ އެވެ.

ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ އުސާމާ ހަމްދާން ހޮނިހިރު ދުވަހު ވިދާޅުވީ ގާތްގަނޑަކަށް ނުވަ މަސް ދުވަހުގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް ޔަހޫދީންގެ ފަރާތުން އެކަމަށް އެއްވެސް އެއްބާރުލުމެއް ނެތް ކަމަށް ހަމާސްއިން ބުނެއެވެ.

ހަމްދާން ވިދާޅުވީ އިސްރާއީލުގެ ޝަރުތުތައް ގަބޫލުކުރުމަށް އެމެރިކާއިން ހަމާސްއަށް ޕްރެޝަރު ފޯރުވަމުންދާ ކަމަށެވެ. އެމެރިކާ އަދިވެސް ދަނީ ޔަހޫދީ އިސްރާއީލަށް އެހީވުމުގެ ގޮތުން ހަތިޔާރާ އެހެނިހެން އެހީތައް ދެމުންކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން