މަރްޔަމް ނަހްދާ ވަޙީދު   3 ޖުލައި 2024 - 6:53
ޑަމްބެލް ބޭނުން ކުރަން ހުރި މީހެއް.
ޑަމްބެލް ބޭނުން ކުރަން ހުރި މީހެއް.
ކަސްރަތު ކުރުމަކީ މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ވަރަށް ވަރުގަދަ އަޒުމަކާއެކު ކަސްރަތު ކުރަން ފަށާފައިވެސް މާގިނަ ދުވަސްތަކެއް ނުވެ ކަސްރަތުކުރުން ހުއްޓާލެވެއެވެ. ބައެއް މީހުންނަށް ގަވާއިދުން ކަސްރަތުކުރުންމަތީ ދެމިހުރުން ވެފައިވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. މިކަން މިހެން ދިމާވަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެ ދުވަހަކު ކަސްރަތު ކުރުމަކީ މަޖުބޫރު ކަމެއް ނޫނެވެ. ހަފްތާއަކު ތިންދުވަހާއި ފަސް ދުވަހާއި ދެމެދު ކަސްރަތު ކުރުމުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީވެދެއެވެ. ނަމަވެސް ކަސްރަތު ކުރުމުގައި އެންމެ މުހިންމު ކަމަކީ މެދުކަނޑާނުލައި ގަވާއިދުން އެކަން ކުރުމެވެ.

ކަސްރަތު ކުރުމަށް ރަނގަޅު ރޫޓިންއެއް ހެދިފައި ނުވާނަމަ އެކަމުގައި ދެމިހުރުމަށް ގޮންޖެހުންތަކެއް މެދުވެރިވެއެވެ. އެހެންކަމުން ގަވާއިދުން ކަސްރަތު ކުރުމަށްޓަކައި ރަނގަޅު ރޫޓިން އެއް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ހަފްތާއަކު ކަސްރަތު ކުރާނެ ދުވަސްތަކާއި، ގަޑިތައް ކަނޑައަޅައި ތާވަލު ކުރުމުން ކަސްރަތުކުރުމުގައި ދެމިހުރުމަށް ފަސޭހަވެއެވެ.

ގަވާއިދުން ކަސްރަތު ކުރުމަށް އޮންނަ އެންމެ ބޮޑު ހުރަހަކީ ކަސްރަތު ކުރުމަށް ބޭނުންވާ ހިއްވަރު ހޯދަން އުނދަގޫ ވުމެވެ. ކިތައްމެ ބޭނުންވީނަމަވެސް ބައެއްފަހަރު ކަސްރަތުކުރުމަކީ އެއްގޮތަކަށްވެސް ކުރެވޭ ކަމެއް ނޫނެވެ. އަދި ހަމަ އެހެންމެ ކަސްރަތު ކުރަން ފެށުމަށްފަހު މެދުކަނޑާލައިފިނަމަ ދެން އަލުން ކަސްރަތު ކުރަން ފެށުމަކީވެސް ވަރަށް އުނދަގޫ ކަމަކަށް ވެގެން ދެއެވެ.

ކަސްރަތު ކުރުމަށް އުނދަގޫ ވުމުގެ ފަހަތުގައި ކޮންމެވެސް ވަރެއްގެ ސައިންސެއްވެސް ވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކަސްރަތު ކުރުމަށް އުނދަގޫވުމަކީ ބައެއް ފަހަރު ތިމާއަށް ކޮންޓްރޯލުވެސް ކުރެވޭ ކަމެއް ނޫނެވެ. ސަބަބަކީ އިންސާނާގެ ހަށިގަނޑު ބައްޓަން ވެފައިވާ ގޮތުން އިންސާނާގެ ހަށިގަނޑު އަމިއްލައަށްވެސް ދަމާނީ ކަންނެތް ކަންތަކާ އެއްކޮޅަށް ކަމަށް ވާތީއެވެ. ހަރަކާތް ނުކޮށް އެއް ތަނެއްގައި އޮތުމަކީ ހައްޓަށްވެސް ލުއި ފަސޭހަ ކަމަކަށް ވާތީ މި ކަމަށް މީހާގެ މުޅި ހަށިގަނޑުވެސް ގަޔާވެއެވެ.

ގަވާއިދުން ކަސްރަތު ކުރުމަށް އެކި ކަހަލަ ގޮންޖެހުންތަކެއް ހުރިނަމަވެސް މިއީ ނުވާނެކަމެއް ނޫނެވެ. މިކަމަށް ބޭނުންވަނީ ވަރުގަދަ އަޒުމަކާއިއެކު ހިއްވަރުނެރެ ކަސްރަތު ކުރުމަށް ބޭނުންވާ ވަކި އުސޫލުތަކެއްގައި ހިފެހެއްޓުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން