ފިލްމު އިންޑަސްޓްރީގައި ނަންވިދާ ތަރި އަމީތާބް ބައްޗަން.
ފިލްމު އިންޑަސްޓްރީގައި ނަންވިދާ ތަރި އަމީތާބް ބައްޗަން.
އަމީތާބް ބައްޗަންގެ ފިޓްނެސް ޓްރެއިންރުން އޭނާ ކަސްރަތުކުމަށް ބަހައްޓާ ޑިސިޕްލިން އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފިއެވެ.

އަމީތާބު ބައްޗަން އަކީ ވަރަށް ހެލިފެލިވެ އުޅުމަށް ލޯބިކުރާ މީހެކެވެ. އުމުރުން ދުވަސްވެފައި ވީނަމަވެސް އޭނާއަކީ އަދިވެސް ވަރަށް ގިނައިން ކަސްރަތުކޮށް ފިޓްކޮށް ހުންނަން މަސަތްކަތް ކުރާ ސްޓާރެކެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސެލެބްރިޓީންގެ ފިޓްނެސް ޓްރެއިނަރުން ކަމަށްވާ ޝިވޯހަމް އާއި ވަރިންދާ މެހެތާ ވަނީ އަމީތާބު ބައްޗަންއާއި ރަންބީރު ކަޕޫރުފަދަ ތަރިންނާއެކު މަސަތްކަތް ކުރުމުގެ ވާހަކަ ދައްކައި، އެމީހުން ހާއްސަވާ ސިފަތަކުގެ ވާހަކަ ފާހަގަ ކޮށްފައެވެ.

އެގޮތުން މި އިންޓަވިއުގައި އެމީހުންވަނީ އުމުރުން ދޮށީ މީހަކާ އަޅާ ބަލާއިރު އަމީތާބުގެ ހުންނަނީ ވަރަށްވެސް ތަފާތު ރަނގަޅު ވިސްނުމެއް ކަމަށް ބުނެފައެވެ. އަދި އުމުރުން ދޮށީ މީހަކާ އަޅާބަލާއިރު އޭނާއަކީ އޭނާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ މީހެއްކަމަށް އެމީހުންވަނީ މި އިންޓަވިއުގައި ބުނެފައެވެ.

މި އިންޓަވިއުގައި ވާހަކަ ދައްކަމުން ވަރިންދާވަނީ އަމީތާބަކީ ވަރަށް ގަޑިއަށް ފަރުވާތެރިވާ މީހެއް ކަމަށްބުނެ އޭނާއަށް ތައުރީފު ކޮށްފައެވެ. އެގޮތުން ވަރިންދާ ބުނެފައިވަނީ އަމީތާބަކީ އެއްވެސް ސަބަބަކާހުރެ ޓްރެއިނިން އަށް ގަޑިޖެހިގެން ދޭވޭނަމަ މައާފަށް އެދި އެކަން ކުރީބައިގައި އަންގާ މީހެއް ކަމަށްވެސް ބުނެފައެވެ. އޭނާ ބުނެފައިވަނީ ގަޑިއަށް ފަރުވާތެރިވުމުގެ މުހިންމުކަން އޭނާއަށް ދަސްވެފައިވަނީ އަމީތާބުގެ ފަރާތުން ކަމަށެވެ. ވަރިންދާގެ އިތުރުން އަމީތާބާއެކު މަސަތްކަތް ކޮށްފައިވާ ވަރަށް ގިނަ މީހުން މީގެ ކުރިންވެސް ވަނީ އޭނާއަކީ ގަޑިއަށް ފަރުވާތެރިވާ މީހެއް ކަމަށްބުނެ ތައުރީފު ކޮށްފައެވެ.

ޝިވޯހަމް އާއި ވަރިންދާ ބުނީ އަމީތާބަކީ ވަރަށް ހިއްވަރާއެކު ބަރުދަން އެއް ހަމައެއްގައި ބެހެއްޓުމަށް މަސަތްކަތް ކުރާ މީހެއްކަމަށެވެ. އޭނާ ކިތައްމެ ބިޒީކޮށް އުޅުނު ކަމުގައިވިޔަސް ދުވަހުގެ ކޮންމެވެސް ބައެއް ކަސްރަތުކުރުމަށް ހުސްކުރާކަމަށް މި ފިޓްނެސް ޓްރެއިނަރުން ވަނީ ބުނެފައެވެ. އަދި އެމީހުން ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަމީތާބު ބަހައްޓާ ޑިސިޕްލިން އަށް ތައުރީފު ކޮށްފައެވެ.

މި އިންޓަވިއުގައި އެމީހުން ބުނެފައިވަނީ އަމީތާބު "އައިކޮން" އަކަށް ވަނީ ސަބަބުތަކާ ހުރެ ކަމަށެވެ. އަދި އަމީތާބުފަދަ ބިޒީ މީހަކަށް ދުވަހުން ވަގުތުކޮޅެއް ކަސްރަތު ކުރުމަށް ހުސް ކުރެވޭއިރު، މީހުން ބިޒީވެގެން ކަސްރަތު ކުރަން ވަގުތުނުވެޔޭ ބުނާ ބުނުމަކީ ކަސްރަތު ނުކުރުމަށް ދައްކާ ބަހަނާ ތަކެއް ކަމުގައިވެސް އެމީހުން ވަނީ ބުނެފައެވެ.

އަމީތާބަކީ ބޮލީވުޑުގައި ވަރަށް ނަން ހިނގާ، ނުފޫޒު ވަރުގަދަ ސްޓާރެކެވެ. އޭނާ ފިލްމު އިންޑަސްޓްރީގައި މަސަތްކަތް ކުރާތާ މިހާރު 50 އަހަރަށްވުރެވެސް ގިނަ ދުވަސް ވެދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން