ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާގެ ބައިވެރިން ކެންބަރާގައި ހުންނަ އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުގެ ފުރާޅަށް އަރައި އެތަނުގައި ފަލަސްތީނަށް ތާއިދުކުރާކަން ހާމަވާގޮތަށް ލިޔެފައިވާ ގިނަ ބެނާތަކެއް ހަރުކޮށްފިއެވެ.

ގާނޫނު ހަދާ މަޖިލީހުގެ މަތީގައި ހަރުކޮށްފައިވާ ބެނާތަކުގެ ތެރެއިން އެއް ބެނާގައި “ކޯރުން ފެށިގެން ކަނޑަށް ފަލަސްތީން މިނިވަންވާނެ” ކަމަށް ލިޔެފައިވެ އެވެ.

އޮސްޓްރޭލިއާއިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާމެދު ހިޔާލު ހޯދުމަށް ދާދިފަހުން ވޯޓެއް ނަގާފައިވާއިރު އެކަމަށް ތާއީދުކޮށް މުސްލިމް ސެނެޓަރަކު ވޯޓުލުމަށް ފްލޯ ހުރަސްކުރުމުން އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެކަން ވެގެން ދިޔައީ އޮސްޓްރޭލިއާގެ މުސްލިމުންނަށް ބަލައިގަންނަން އުނދަގޫ ކަމަކަށެވެ. އަދި މި ވޯޓުގެ ސަބަބުން ބޮޑުވަޒީރު އެންތޮނީ އަލްބަނީސްގެ ލޭބަރ ސަރުކާރުގައި ބައިބައިވުންތައްވެސް އުފެދުނެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ މައްޗަށް އަރައިގެން ތިބީ ކަޅު ހެދުމެއްގައި ތިބި ރެނެގޭޑް އެކްޓިވިސްޓްސް ގްރޫޕްގެ ހަތަރު މީހަކެވެ. އެމީހުން ކަޅާއި ހުދުކުލައިގެ ބޮޑެތި ބެނާތަކެއް ނަގައިގެން އެތަނުގައި ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން ތިބިކަމަށް ވެއެވެ. ބައެއް ބެނާތަކުގައި ލިޔެފައި ވަނީ "ވަގަށް ނަގާފައިވާ ބިމެއްގައި ސުލްހައެއް ނެތް" މިފަދައިންނެވެ.

ސަރުކާރާމެދު ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކު މެގަފޯނެއް ބޭނުންކޮށް ބުނީ އެމެރިކާގެ ތާއީދާއެކު ޣައްޒާގައި އިސްރާއީލު ސަރުކާރާއެކު "ހަނގުރާމައިގެ ޖަރީމާތަކެއް" ހިންގި ކަމަށެވެ. އަދި ލާއިންސާނީ އަނިޔާތަކުގައި އޮސްޓްރޭލިއާ ސަރުކާރުންވެސް ބައިވެރިވި ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން