މ. މަޑުއްވަރީ މަސްޖިދުލް ޢަމަލް
މ. މަޑުއްވަރީ މަސްޖިދުލް ޢަމަލް
މުޖްތަމައެއްގައި ފަރުދީ ޒިންމާ ނެތި ގޮސްފިނަމަ އެބަޔަކު ހަލާކުވެގެން ހިނގައިދާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޒިންމާ ނެގުމުގެ މައްޗަށް އަލި އަޅުވާލައި މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ މުޖްތަމައެއްގައި ފަރުދީ ޒިންމާ ނެތި ގޮސްފިނަމަ އެބަޔަކު ހަލާކުވެގެން ހިނގައިދާނެ ކަމަށާއި، އެބައެއްގެ ތެރޭގައި އޮތް އިންސާނީ ކަރާމާތް ގެއްލި ދީނާއި ދުންޔަވީ އަސާސްތައް ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމަށެވެ. އަދި އެއީ މުޖްތަމަޢުގެ އަހްލާގީ ސިފަތައް ނެތިވެ، މުޖްތަމައުގެ އަމަން އަމާންކަން ގެއްލި އިގްތިސާދީ ގޮތުން އަނދަވަޅަކަށް އެ ބަޔަކު ވެއްޓިގެން ހިނގައިދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.

އިންސާނާގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް ނުވަތަ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން މެނުވީ އިންސާނާ ދުނިޔެއަށް ފޮނުއްވުނު މަގްސަދު ހާސިލް ނުވާނެ ކަމަށާއި، މީސްތަކުންގެ ހަޔާތުން ފަރުދީ ޒިންމާގެ އިހްސާސް ފިލައިގެން ދިއުމަކީ އެބަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތެއް ކަމަށާއި ފަރުދީ ޒިންމާގެ މަތިން އިންސާނާ ހަނދާންނެތޭނެ ކޮންމެ ވަގުތަކީ އޭނާ ދުނިޔެއަށް ވުޖޫދުވި މަގްސަދު އޮޅި ހަޔާތުގެ މިސްރާބު ހަމަ މަގުން ނެއްޓިގެންދާ ވަގުތު ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ އިންސާނާ އަދާކުރަން ޖެހޭ ފަރުދީ ޒިންމާއަކީ އޭނާގެ ހަޔާތް ބާއްޖަވެރިކުރުމަށާއި އޭނާގެ އަމަލުތައް ސީދާކުރުމަށް ކިހާ މުހިންމު ކަމެއްކަން އިހްސާސްވެގެން ދާ ކަމަށެވެ. އަދި ފަރުދީ ޒިންމާގެ މުހިންމުކަން ވަޒަން ކުރެވޭ މީހަކު، އަނެކުންގެ އިހްސާސްތަކަށް ރައްކާތެރިވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ޣީބަބުނުމާއި ނެތިމުށިމާއި އަޑުފުރައްސާރަ ކުރުމާއި، ޒިނޭކުރުމާއި، ހަށިފޭރުމާއި، ޖިންސީ ފުރައްސާރަ ކުރުމާއި އަނިޔާވެރިވުމާއި މިނޫން ވެސް އެންމެހާ ނުބައިކަންކަމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

ފަރުދީ ޒިންމާ އުފުލާ މީހަކު އެމީހެއްގެ ދުލާއި އަތާއި ގުނަވަންތައް ވަކި އިމެއްގެ ތެރޭގައި ކޮންޓްރޯލް ކުރާނެ ކަމަށާއި، މީސްމީޑިއާގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުމެއް ނުކުރާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އެފަދަ މީހަކު ލިޔާ ލިޔުންތަކާއި ކުރާ ޓްވީޓުތަކާއި ފަތުރާ ޕޯސްޓްތަކާއި، ދައްކާ ވާހަކަތައް ވަކި ހުދޫދެއްގެ ތެރޭގައި ބެހެއްޓުމަށް އޭނާގެ ނަފްސު ގޮވާލާނެ ކަމަށާއި، އެމީހެއްގެ ގުނަވަންތައް ނަހަމަގޮތުގައި ބޭނުންކޮށްފިނަމަ އެ ގުނަވަންތައް އެމީހަކާއި ދެކޮޅަށް ހެކިދޭނެ ދުވަހެއް އަންނާނެކަން ޤަބޫލުކުރާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނެފައިވަނީ، މައްސޫލިއްޔަތާއި ޒިންމާގެ ވައްތަރުތަކުގެ ތެރެއިން އެންމެ މުހިންމު ޒިންމާއަކީ ފަރުދީ ޒިންމާކަމަށާއި، އިންސާނާ ކުރާ ކޮންމެ ކަމަކާއި، ބުނާ ކޮންމެ ބަހަކާއި، ކުރާ ކޮންމެ ހަރަކާތަކާއި، އަޅާ ކޮންމެ ފިޔަވަޅަކީ، އެއާމެދު އޭނާ ޒިންމާވާން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ޤިޔާމަތް ދުވަހުން ކޮންމެ މީހަކު ވެސް އެ މީހެއްގެ ފަރުދީ ޒިންމާއާ މެދު ޖަވާބުދާރީ ކުރެވޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން