ނެގެޓިވް ފިކުރުތަކަކީ މީހާ ހަލާކު ކޮށްލާ ކަމެކެވެ.
ނެގެޓިވް ފިކުރުތަކަކީ މީހާ ހަލާކު ކޮށްލާ ކަމެކެވެ.
ދިރިއުޅުމުގައި ކޮންމެ މީހަކުވެސް އެކިކަހަލަ އިމްތިހާނުތަކާ ކުރިމަތިލާން ޖެހޭނެއެވެ. އަދި ހަމަ އެހެންމެ ދިރިއުޅުމުގައި ކޮންމެ މީހަކުވެސް އުސްމިންތަކާއި އަޑިގުޑަންތައްވެސް ކަޑައްތު ކުރާނެއެވެ. ބައެއް މީހުންނަކީ ކޮންމެ ކަމެއް މެދުވެރި ވުމުންވެސް އެކަމުގައި އޮތް އެންމެ ނެގެޓިވް ނުވަތަ ނައްސި ގޮތަށް ވިސްނާ މީހުންނެވެ.

ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް ނެގެޓިވްކޮށް ވިސްނައި އެގޮތަށް ހިޔާލު ކުރާނަމަ އެ ހިޔާލުތައް އަޅުގަނޑުމެންގެ މައްޗަށް ބާރު ފޯރުވަން ފަށައެވެ. ނެގެޓިވް ހިޔާލުތަކާ ފިކުރު ތަކުގެ ސަބަބުން އަޅުގަނޑުމެންނަށް މައްސަލަތައް ނެތް ތަންތަނުގައިވެސް މައްސަލަތައް ކުރިމަތިވާނެ ކަމަށް ހީކުރެވެއެވެ. އަދި އޭގެ ސަބަބުން އަޅުގަނޑުމެންގެ ނަފްސާނީ ސިއްހަތަށްވެސް އެތައް އަސަރުތަކެއް ކުރެއެވެ. އެހެން ކަމުން މާ ގިނައިން ނެގެޓިވް ހިޔާލުތަކާއި ފިކުރުތައް ކުރެވޭނަމަ އެކަމުން އަރައިގަންނަން ކުރެވިދާނެ ބައެއް ކަންތައްތައް މިތާނގައި ހިމަނާލާނަމެވެ.

ކަންކަމާމެދު ނެގެޓިވް ހިޔާލުތައް ކުރެވޭނަމަ އެކަމުން އަރައިގަތުމަށްޓަކައި ޑައިލެކްޓިކަލް ބިހޭވިއަރަލް ތެރަޕީ ނެގިދާނެއެވެ. ޑައިލެކްޓިކަލް ބިހޭވިއަރަލް ތެރަޕީއަކީ ކަންކަމާމެދު މާބޮޑަށް ވިސްނައި، މާޔޫސްވާ މީހުން އެމީހުންގެ އެފަދަ ދަތި ހާލަތްތަކާއި ކުރިމަތިލުމަށް ބޭނުން ކުރާ އުކުޅެކެވެ. މި ތެރަޕީ ނަގާއިރު އެކި ކަހަލަ ސްޓްރެޓަޖީތައް ބޭނުން ކޮށްގެން ތިމާއަށް ކުރެވޭ ނޭދެވޭ ހިޔާލުތަކާއި ޖަޒުބާތުތަކުން ދުރަށް ދާން މަސައްކަތް ކުރެއެވެ.

އަމިއްލަ ނަފްސަށް ޗެލެންޖުކޮށް ރީފްރޭމް ކުރުމަކީވެސް ނެގެޓިވް ހިޔާލުތަކާ ދުރަށް ދިއުމަށް ކުރެވިދާނެ ކަމެކެވެ. އަޅުގަނޑުމެންނަށް ކޮންމެ ކަމެއްގައިވެސް ނެގެޓިވް ފިކުރުތައް ކުރެވޭނަމަ އެ ފިކުރުތައް ކުރެވުމުގެ އަސްލު ސަބަބުތައް ހޯދައި ދެނެގަންނަން ޖެހެއެވެ. އަދި އެ ފިކުރުތަކަށް އަމިއްލައަށް ޗެލެންޖު ކުރަން ޖެހެއެވެ. އަދި އަޅުގަނޑުމެންގެ ހިޔާލުތައް އަލުން ފްރޭމްކޮށް އެކަންކަމާމެދު ޕޮސިޓިވްކޮށް ވިސްނަން މަސައްކަތް ކުރަން ޖެހެއެވެ.

ތިމާއަށް ކުރެވޭ ހިޔާލުތައް ބަދަލުކުރަން (ކޮގްނިޓިވް ރީސްޓްރަކްޗަރިން) ފަރިތަ ކުރުމަކީވެސް ނެގެޓިވް ހިޔާލުތަކާ ދުރުވުމަށް ކުރެވިދާނެ ކަމެކެވެ. ތިމާގެ އަމިއްލަ ހިޔާލުތައް އާންމުކޮށް ފަރުމާވަމުން އަންނަ ގޮތް ބަދަލު ކޮށް ވިސްނުމުގެ ޕްރޮސެސް ބަދަލު ކުރުމަކީ ނެގެޓިވް ހިޔާލުތަކާ ދުރުވެ ބިނާކުރަނިވި ވިސްނުމުގެ އުސޫލުތައް އުފެއްދުމަށް އެހީވެދޭ ކަމެކެވެ.

މީގެ އިތުރުން އެވަގުތު އިހުސާސް ކުރެވޭ ކަންކަމަށް ފޯކަސް ކުރުމާއި، ގާތް މީހަކާ އިހުސާސްތައް ހިއްސާކުރުމާއި، އަމިއްލަ ނަފްސަށްޓަކައި ކޮންމެވެސް ކަމެއް ކުރުމާއި، އަދި ތިމާއަށް ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވުމަކީވެސް ނެގެޓިވް ހިޔާލުތަކާ ދުރުވުމަށް ކުރެވިދާނެ ކަންކަމެވެ. ހަމަ އެހެންމެ ހަރަކާތްތެރިވެ އުޅުމާއި، ރަނގަޅަށް ކެއުމާއި، އަދި ރަނގަޅަށް ނިދުމަކީވެސް ނެގެޓިވް ފިކުރުތަކާ ދުރުވުމަށް ކުރެވޭނެ ކަންކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން