ދުނިޔެއަކީ ވަގުތީ މަންޒިލެއް، ނަމާދަށް ފަރުވާތެރި ވާން ޖެހޭ.
ދުނިޔެއަކީ ވަގުތީ މަންޒިލެއް، ނަމާދަށް ފަރުވާތެރި ވާން ޖެހޭ.
ދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. އެއްވެސް މީހަކަށް އެމީހެއްގެ ވަގުތު އައިސް ޖެހޭނެ އިރެއް ނޭނގޭނެއެވެ. ދުނިޔެވީ އުފަލާ އަރާމަތް ހެއްލިގެންތިބެ އަދުގެ ގިނަ މީހުން މިވަނީ މަރަށް ތައްޔާރުވުމަށް ކުރަންޖެހޭ ކަންތައް ހަނދާން ނައްތާލައި އެކަން ކަމަށް ފަރުވާ ކުޑަ ކޮށްފައެވެ. މިހެން މިކަން މެދުވެރިވާ ސަބަބަކީ މާދަމާ އަންނާނެ ކަމަށް މާ ބޮޑަށް އިންތިޒާރު ކުރެވޭތީއެވެ.

އެމީހެއްގެ ނަފްސު ނަރަކައިގެ ގަދަ ހޫނުން ރައްކާތެރި ކުރުމަށްޓަކައި މަސައްކަތް ކުރަން ޖެހޭނީ އެމީހަކު އަމިއްލައަށެވެ. ދީނީ އިލްމުވެރިންނަށް ކަންކަން އޮންނަ ގޮތާއި އަމަލު ކުރަން ޖެހޭ ގޮތް ރަނގަޅަށް ބުނެދެވޭނީއެވެ. ނަމަވެސް އެ ގޮތްގޮތަށް އަމަލު ކުރުމަކީ ކޮންމެ ފަރުދެއްގެވެސް އަމިއްލަ ޒިންމާއެކެވެ. ނަރަކައިން މިންޖުވާން އެދޭ މީހާ ދުނިޔެވީ އުފަލަކަށް ނުހެއްލޭނެ އެވެ. މާދަމައަކަށް އިންތިޒާރު ނުކުރާނެއެވެ. އެމީހާ ބަލާނީ މުޅި އުމުރުވެސް ހެޔޮ އަމަލު ކުރުން މަތީ ދެމިހުރެވޭތޯއެވެ.

ކޮންމެ މުސްލިމަކަށްވެސް ދުނިޔެމަތީގައި އަމަލު ކުރަން ޖެހޭ ގޮތް އެނގެއެވެ. އާޚިރަތަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ކަންތައްތައް ނޭނގޭނެ މުސްލިމު އަޚެއް ނުވަތަ އުޚްތެއް ނުހުންނާނެއެވެ. މި ޒަމާނުގައި ބޮޑެތި ފާފަ ތަކާއި ކުދި ފާފަތައް ނޭނގޭ މީހަކު ނުހުންނާނެއެވެ. ނަމަވެސް ހިތާމައަކީ ދުނިޔޭގެ އެދުމަށް މީސްތަކުން ދަހިވެތިވެފައިވާވަރު ބޮޑުކަމުން ހުރިހާ ކަމެއް މާދަމާ ކުރަން ފަސްކުރާކަމެވެ. ފާފަތަކަށް އަރައިގަންނަ ގޮތް އާންމުވެ ތައުބާވުން މާދަމައަށް ފަސްކުރަނީއެވެ. އެއްވެސް ބިރުވެރި ކަމެއް ނެތި ނަމާދު އަޅައި، މާދަމާއަށް ފަސް ކުރަނީއެވެ. މި ކުރެވެނީ ކިހާ ބޮޑު ކަމެއް ކަމަށް ނުވިސްނައި ލިބިފައިވާ ކުޑަ ވަގުތު ކޮޅު ކުޅިވަރާއި، މަޖަލުގަ ހޭދަ ކޮށްލަނީއެވެ. މާދަމާ އެކަންކަން އިސްލާހު ކުރަން ނިންމައިގެންނެވެ. މާދަމާ އަންނާނެ ކަމުގެ ޔަގީންކަން އޮތީ ކޮން ބަޔަކަށްތޯއެވެ؟

ހަގީގަތަކީ މާދަމާއަކީ ދުވަހަކުވެސް އަންނާނެ ދުވަހެއް ނޫނެވެ. ހެޔޮ އަމަލުތައް މާދަމާއަށް ފަސް ކުރާ މީހުންނަށް އޮންނަނީ ގިނަ ފަހަރު އެކަންތައް ނުކުރެވިފައެވެ. ދުނިޔެވީ އުފަލަށް ހެއްލި ތިބެ ގަސްތުގައި ނަމާދު އަޅާ މީހުން ގިނަ ފަހަރަށް މި ދުނިޔެއާ އަލްވަދާއު ކިޔަނީ އެ މާދަމާ އެއް ނާއްނަނީހެވެ. އެ މާދަމާ އައިސް ނުޖެހެނީސް އެފަދަ މީހުންގެ ވަގުތު ހަމަވަނީއެވެ. ތިމާގެ ފަތް ހެޔޮ އަމަލުތަކުން ފުރާނެ ވަގުތެއް ނުލިބި، ދުނިޔެއާ ވަކިވަނީއެވެ. މިއީ ވަރަށްވެސް ހިތާމަވެރި ކަމެކެވެ.

މިހެން މިކަން ވާން ޖެހެނީ އަޅުގަނޑުމެންގެ އީމާންތެރިކަން ކުޑަ ވުމުގެ ސަބަބުންނެވެ. ނުވަތަ ﷲ ތައާލާއަށް ބިރުވެތިވާ މިންވަރު ކުޑަވުމުގެ ސަބަބުންނެވެ. ޙަޤީޤީ ޝަރަފްވެރިންނަކީވެސް އަދި ޙަޤީޤީ ޢިއްޒަތް ލިބިގެންވާ މީހުންނަކީ ﷲ ތަޢާލާއަށް އީމާންވެ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރާ މީހުންނެވެ. މިދުނިޔެމަތީގައި ލިބޭ ކުޑަ ވަގުތުކޮޅުގެ ބޭނުން ރަނގަޅަށް ހިފާ މީހުންނެވެ. މަރަށް ބިރުވެތިވާމީހާ އެހެން ހުރިހާކަމެއްގެ މައްޗަށް އެމީހާ ކުރަންޖެހޭ ހެޔޮ ޢަމަލުތައް އިސްކުރާނެއެވެ. އަދި ދުނިޔެވީ އެދުންތައް ހާސިލު ކުރުމުގައި ވަގުތު ބޭކާރު ކޮށްނުލާނެއެވެ.

ދުނިޔޭގެ ދަޅަޔަށް ނުހެއްލި މާތް ﷲ އަންގަވާފައިވާ ގޮތަށް ދުނިޔޭގެ ދިރިއުޅުން ހޭދަ ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. ދެ ދުނިޔޭގައިވެސް ބާއްޖަވެރިކަން ލިބޭނީ މާތް ﷲ އަންގަވާފައިވާ ގޮތަށް އުޅެގެންނެވެ. ދީނުގެ ރުކުންތަކަށް ތަބާ ވެގެންނެވެ. ނަމާދު ގާއިމް ކޮޮށްގެންނެވެ. ފާފަތަކަށް އަރައިގަތުމުން ދުރުވެގެންނެވެ. ވީމާ ކޮންމެ މީހަކީވެސް ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތް ކުރާ މީހަކަށް ވާން ޖެހެއެވެ. ތިމާއަށް ކުރެވިފައިވާ ފާފަތަކުން ﷲ ތަޢާލާގެ ހަޞްރަތުގައި ތައުބާވެ ނަފްސު ސީދާކުރަން މަސައްކަތް ކުރަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން