އަޅުގަނޑުމެން ގެންގުޅޭ އާދަތަކަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް އެކިކަހަކަ އަސަރުތައް ކުރާ ކަންކަން.
އަޅުގަނޑުމެން ގެންގުޅޭ އާދަތަކަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް އެކިކަހަކަ އަސަރުތައް ކުރާ ކަންކަން.
އަޅުގަނޑުމެން ގެންގުޅޭ އާދަތަކަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް އެކިކަހަކަ އަސަރުތައް ކުރާ ކަންކަމެވެ. ދިރިއުޅުމުގައި ފަހަތަށް ޖެހިފައިވާ ކަމުގެ އިހުސާސްތައް ކުރެވޭނަމަ އެއީ ތިބާގެ ކިބައިގައި ހުންނަ އާދަތަކެއްގެ ސަބަބުން ވާ ކަމެއް ކަމެކެވެ.

އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް ރަނގަޅު އާދަތަކަކާއި ނުރަނގަޅު އާދަތައް ހުންނާނެއެވެ. އެއިން ކޮންމެ ކަމަކީވެސް އެކަމެއްގެ ސަބަބުން ދިރިއުޅުމަށް އެކިކަހަލަ އަސަރުތަކެއް ކުރާނެ ކަންކަމެވެ. ތިބާގެ ކިބައިގައި ހުންނަ އާދަތަކާ ވަކިވުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ދިރިއުޅުމުގައި ތިބާއަށް ކުރިއަށް ނުދެވޭހެން ހީވާނަމަ ތިބާގެ ކިބައިގައި ހުންނަ ބައެއް އާދަތަކާ ދުރަށް ދިއުން ވަރަށް މުހިންމެވެ. ތިރީގައި މި ހިމަނާލަނީ ދިރިއުޅުމުގައި ފަހަތަށް ޖެހެވޭ ކަމުގެ އިހުސާސް ކުރެވޭނަމަ ދޫކޮށްލަންޖެހޭ ބައެއް ކަންކަމެވެ.

- ޕްރޯކާސްޓިނޭޓްކުރުން ނުވަތަ ކަންކަން ލަސްކުރުން

މިއީ އަޅުގަނޑުމެން އެންމެންވެސް ކުރާ ކަމެކެވެ. ސްކޫލުގައި ނުވަތަ ވަޒީފާގައިވެސް ނިންމަންޖެހޭ މަސައްކަތެއް އޮތް ނަމަވެސް އެކަން އެންމެ ފަހު ވަގުތާ ހަމައަށްވެސް ފަސްކުރަމުން ގެންދިއުމަކީ ވަރަށް ގިނަ މީހުންގެ ކިބައިގައި ހުންނަ އާދައެކެވެ. މިގޮތަށް ކަންކަން ފަސްކުރާނަމަ މީހާއަށް ކުރިމަތިވާ ހާސްކަމާއި ސްޓްރެސް ބޮޑުވެއެވެ. އަދި އޭގެ ސަބަބުން ގިނަ ވަގުތު ހޭދަ ކުރެވެނީ އެކަންތައް ނިންމުމަށްވުރެވެސް ބޮޑަށް ނުކުރެވި ހުރި ކަންކަމާމެދު ވިސްނައި ކަންބޮޑުވުމުގައެވެ. ކަންކަން ލަސްކުރުމަކީ މީހާއަށް ދިރިއުޅުމުގައި ފަހަތަށް ޖެހޭ ކަމުގެ އިހުސާސް ކުރުވާނެކަމެކެވެ. އެހެންކަމުން މިއީ ދޫކޮށްލަން ޖެހޭ އާދައެކެވެ.

- ހުރިހާ ކަމަކަށް އާނއެކޭ ބުނުން

ބައެއް މީހުންނަކީ އަބަދުވެސް އެހެން މީހުންގެ ރުހުން ހޯދަން މަސައްކަތް ކުރާ މީހުންނެވެ. އެފަދަ މީހުންނަކީ މީހަކު ކަމަކަށް އެދިއްޖެނަމަ ކޮންމެ ފަހަރަކުވެސް އާނއެކޭ ބުނާ މީހުންނެވެ. ކިތައްމެ ބިޒީ ކޮށް އުޅުނު ކަމުގައިވީނަމަވެސް މިފަދަ މީހުންނަށް ނޫނެކޭ ބުނުން ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. މިހެން މިކަން ކުރާނަމަ އެހެން މީހުންގެ ކަންތައްތައް ކޮށް ނިމޭއިރު ތިމާގެ އަމިއްލަ ދިރިއުޅުމުގައި ހުންނާނީ ފަހަތަށް ޖެހިފައެވެ. ވީމާ މިއީވެސް ދޫކޮށްލަން ޖެހޭ އާދައެކެވެ.

- އަމިއްލަ ނަފްސަށް އަޅާލުމުގައި އިހުމާލުވުން

އަމިއްލަ ނަފްސަށް އަޅާލުމަކީ ތިމާ ދުޅަހެޔޮ ސިއްހަތެއްގައި ހުރެ، ތިމާގެ ޖަޒުބާތުތަކަށް އަޅާލައި އަދި ނަފްސާނީ ގޮތުން ދުޅަހެޔޮވެ ހުރުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ ނަފްސަށް އަޅާލުމަށް ކުރާ ކަންތައްތަކުގެ ސަބަބުން ސްޓްރެސް ކުޑަވެ، މީހާގެ މޫޑު ރަނގަޅުވެ، މީހާ ދުޅަހެޔޮކޮށް ހުރުމަށް އެހީވެދެއެވެ. ނަމަވެސް ދިރިއުޅުމުގެ ކަންކަމުގައި ބުރަކޮށް އުޅެންޖެހުމުގެ ސަބަބުން ގިނަ ފަހަރަށް އަމިއްލަ ނަފްސަށް އަޅާލުމުގައި އަޅުގަނޑުމެންނަށް އިހުމާލުވެވެއެވެ. މިހެން ވުމުގެ ސަބަބުން މީހާއަށް މާ ބޮޑަަށް ބާން އައުޓުވުމުގެ އިހުސާސް ކުރެވި ދިރިއުޅުމުގައި ފަހަތަށް ޖެހިފައިވާ ކަމުގެ އިހުސާސް ކުރެވޭނެއެވެ. ވީމާ އަމިއްލަ ނަފްސައް އަޅާލުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

- މާބޮޑަށް ކަންކަމާމެދު ވިސްނުން

މާ ބޮޑަށް ކަންކަމާމެދު ވިސްނުމަކީ އަޅުގަނޑުމެން އެންމެންވެސް ކުރާ ކަމެކެވެ. ކަންކަމާ މެދު މާބޮޑަށް ވިސްނުމަކީ ބައެއް ހާލަތްތަކުގައި ވަރަށް ނުރައްކާތެރި ކަމެކެވެ. މާބޮޑަށް ކަންކަމާމެދު ވިސްނައި ފިކުރު ކުރާނަމަ މީހާ ސްޓްރެސް ބޮޑުވެ ހާސްކަން އިތުރުވެގެން ދެއެވެ. އޭގެ ސަބަބުން ކަންކަމުގައި އަބަދުވެސް ވިސްނޭނީ އެ ކަމެއްގައި އޮންނަ އެންމެ ނުބައި ގޮތް ގޮތަށެވެ. ސިކުނޑިއަށް ވެރިވާނީ ނުބައިވިސްނުމެވެ. ހިތައް އަރާނީ ކަންކަމުގައި އޮންނަ އެންމެ ނުބައި ގޮތްތަކެވެ. މިހެން މިކަން ދިމާވާނަމަ ދިރިއުޅުމުގައި ފަހަތަށް ޖެހެވޭ ކަމުގެ އިހުސާސް ކުރެވޭނެއެވެ. ވީމާ މިއީވެސް ދިރިއުޅުމުގައި ކުރިއަރާ ދާން ބޭނުން ނަމަ ދޫކޮށްލަން ޖެހޭ އާދައެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން