ވަރީގެ ސަބަބުން އާއިލާގެ އުފާވެރިކަން ގެއްލޭ- ގޫގުލް ފޮޓޯސް
ވަރީގެ ސަބަބުން އާއިލާގެ އުފާވެރިކަން ގެއްލޭ- ގޫގުލް ފޮޓޯސް
ކައިވެންޏަކީ ދެމީހަކު ލޯބީގެ ގޮތުން ގުޅިގެން، އާއިލާއެއް ބިނާކޮށް، މުޅި އުމުރު ދުވަހު އެކުގައި އުޅުމަށްޓަކައި ކުރާ އަގުދެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެކި ސަބަބުތަކާ ހުރެ ދެމީހުންގެ ދެމެދުގައިވާ ގުޅުން ހީނަރުވެ، މައްސަލަތައް ގިނަވެ، އެ ގުޅުން ނިންމާލަން ޖެހޭ ފަހަރުވެސް އާދެއެވެ.

ކޮންމެ ކަހަލަ ގުޅުމެއްވެސް ނިންމާލަން ޖެހުމަކީ ވަރަށް ވޭންދެނިވި ކަމެކެވެ. ދެ ލޯބިވެރިން ވަކިވީނަމަވެސް ނުވަތަ ކައިވެނި ކޮށްގެން އުޅޭ ދެމެފިރިން ވަކިވާން ޖެހުމަކީވެސް އެކަން ތަހައްމަލު ކުރާ މީހުންނަށް އޭގެ ސަބަބުން ވޭންދެނިވި، އަދި ނަފްސާނީ އެތައް އަސަރެއް ކުރާނެ ކަމެކެވެ. ވަރިއަކީ އޭގެ ސަބަބުން އާއިލާތައް ރޫޅިގެންދާ ކަމެއް ކަމުން ވަރި ވުމުގެ ސަބަބުން އާއިލާގައި ހިމެނޭ އެންމެނަށްވެސް ތަފާތު ނޭދެވޭ އަސަރުތައް ކުރެއެވެ.

ވަރިވުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރޭތަ؟

ވަރިއަކީ އެ ހިތި ތަޖުރިބާ ކުރާ ފަރާތަށް ވަރަށް ވޭންދެނިވި ކަމަކަށްވާއިރު، ވަރީގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އެކި ކަހަލަ ނޭދެވޭ އަސަރުތައް ކުރާކަމަށް ނަފްސާނީ ބަލީގެ މާހިރުން ވިދާޅުވެއެވެ. އެގޮތުން ވަރިއެއްގެ ސަބަބުން މީހަކަށް ކުރިމަތިވެދާނެ އުނދަގޫ ޖަޒުބާތުތަކުގެ ތެރޭގައި ހިތާމައާއި، ކުށްހީއާއި، ހާސްކަމާއި، ސްޓްރެސް އާއި، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދަށްވުމުގެ އިތުރުން ޑިޕްރެޝަން ހިމެނެއެވެ.

މިކަމުން އަރައިގަތުމަށް ކިހާ މުއްދަތެއް ނަގާފާނެތަ؟



ވަރީގެ ސަބަބުން ނަފްސާނީ ދުޅަގެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް އަހަރު ތަކެއްވެސް ނަގާފާނެއެވެ. ނަމަވެސް ރަނގަޅު، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށްޓަކައި މިކަމުން އަރައިގަތުމުގެ ގޮތުން ކުދި ކުދި ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރެވޭނެ ކަންކަމަކީ ކޮބާ؟

ވަރީގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރެވޭނެ ކަންކަމުގެ ތެރޭގައި ކުރެވިދާނެ ގިނަ ކަންތައްތަކެއް ވެއެވެ. އެގޮތުން ހިއްސާ މިކޮށްލަނީ ކުރެވިދާނެ މައިގަނޑު ކަންތައްތަކެވެ.

- ޖަޒުބާތުތައް ނުފޮރުވައި އެކަމާ ކުރިމަތިލުން

ތިމާގެ ޖަޒުބާތުތަށް ފޮރުވުމެ ބަދަލުގައި އެކަން ގަބޫލު ކުރުމަކީ މިކަންކަމުން އަރައިގަތުމަށް އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅެވެ. ތިމާގެ އިހުސާސްތައް ފޮރުވާނަމަ ވަރީގެ ސަބަބުން ލިބޭ ނަފްސާނީ ގެއްލުންތަކުން އަރައިގަންނަން ވަރަށް އުނދަގޫ ވާނެއެވެ. އެހެންކަމުން ތިމާގެ އެ ޖަޒުބާތުތަކާއި އިހުސާސްތައް ފިއްތުމުގެ ބަދަލުގައި އެއާ ކުރިމަތިލުމަކީ ވަރަށް މުހިންމު ކަމެކެވެ. އަމިއްލައަށް އެ ޖަޒުބާތުތަކާ ކުރިމަތިލާން އުނދަގޫވާނަމަ އިތުބާރު ކުރެވޭ ހެޔޮލަފާ ރައްޓެއްސެއް ނުވަތަ އާއިލާ މީހެއްގެ އެހީހޯދުމަކީވެސް މުހިންމު ކަމެކެވެ.

- އަމިއްލަ ނަފްސަށް އަޅާލުން

ވަރިވުމުގެ ސަބަބުން ވަރަށް ގިނަ މީހުން އެމީހުންގެ އަމިއްލަ ނަފްސަށް ފަރުވާލެއް ނުބަހައްޓައެވެ. މިހެން އަމިއްލަ ނަފްސަށް އަޅާނުލުމުން އަނެއްކާވެސް އިތުރު ހިތާމަތަކާ ކުރިމަތިލާން ޖެހޭ ފަހަރުތައްވެސް އާދެއެވެ. ވީމާ ވަރިވުމަށް ފަހުވެސް މީހާގެ އަމިއްލަ ނަފްސަށް އަޅާލުމަކީ ވަރަށް މުހިންމު ކަމެކެވެ. އަމިއްލަ ނަފްސަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ގަވާއިދުން ކަސްރަތު ކުރުމާއި، ރަނގަޅު ކާނާ ކެއުމާއި، ރަނގަޅަށް ނިދުން ހިމެނެއެވެ. ތިމާ ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ހުރުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ ކަމެކެވެ.

- އަމިއްލަ ނަފްސު އަލުން ދަސްކުރުން

އަމިއްލަ ނަފްސު އަލުން ދަސްކުރުމަކީވެސް ވަރިވުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށްޓަކައި ކުރަން ޖެހޭ ކަމެކެވެ. އެގޮތުން ވަރިވުމަށް ފަހު އަމިއްލަ ނަފްސަށް ހާއްސަ ސަމާލުކަމެއްދީ އަމިއްލަ ނަފްސު ރަނގަޅަށް ދަނެގަންނަން ޖެހެއެވެ. އަދި މި މުއްދަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި، ތިމާގެ އަމިއްލަ ލަނޑުދަނޑިތަކާއި، ޝައުގުވެރިވާ ކަންތައްތައް ހޯދައި ބަލަން ޖެހެއެވެ. އަދި ތިމާއަށް އުފާވެރިކަން ލިބޭ ކަންތައްތައް ދެނެގަނެ އެކަންކަން ކުރުމަކީވެސް ވަރީގެ ސަބަބުން ލިބޭ ނަފްސާނީ އަސަރުތަކުން އަރައިގަތުމަށް ކުރުން މުހިންމު ކަމެކެވެ.

- ނަފްސާނީ ބަލީގެ މާހިރުންގެ އެހީ ހޯދުން

ތިމާގެ ޖަޒުބާތުތަކާއި އިހުސާސްތައް އަމިއްލައަށް ބޭރުކުރަން އުނދަގޫވާނަމަ ނަފްސާނީ ބަލީގެ މާހިރުންގެ އެހީ ހޯދުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ތެރަޕީ ނަގައި ނަފްސާނީ ބަލީގެ މާހިރުންގެ ލަފާގެ މަތިން ޖަޒުބާތުތަކާ ކުރިމަތިލުމަކީވެސް ވަރީގެ ސަބަބުން ކުރިމަތިވާ ކަންކަމުން އަރައިގަތުމަށް ކުރެވިދާނެ މުހިއްމު އެއްކަންތަކެވެ.

މީގެ އިތުރުން ދުވަހުގެ ތާވަލެއް އެކުލަވާލައި ކޮންމެ ދުވަހަކުވެސް އެ ތާވަލާއެއްގޮތަށް، ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމާއި، ކަންކަމުގައި އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނުމަކީވެސް ވަރީގެ ސަބަބުން ލިބޭ ނަފްސާނީ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭނެ ކަންކަމެވެ.

ވަރިވުމަކީ ތިމާގެ ދިރިއުޅުން ބަރުބާދުވުން ކަމަށް ނުބަލައި، މާޒީގައި ވޭތުވެދިޔަ އަހަރުތަކާމެދު ނުވިސްނައި، އެއީ ތިމާއަށް އަލިމަގެއް ހޯދުމަށް ލިބިގެންދިޔަ ފިލާވަޅެއް ކަމަށް ގަބޫލުކޮށް، މިއީ އިތުރު ހިއްވަރަކާއެކު ދިރިއުޅުމާއެގެން ކުރިއަށްދާން ލިބުނު ރަނުގެ ފުރުސަތެއްކަމުގައި ކޮންމެ މީހަކުވެސް ބަލަން ޖެހެއެވެ. ސަބަބަކީ ދެމީހެއްގެ ކައިވެނި ނިމުމަކާ ހަމައަށް އަންނަނީ އެކުގައި އުޅެވޭނެ އެއްވެސް އިތުރު ގޮތެއް ނެތުމުން ކަމަށް ވާތީއެވެ. ވީމާ މާޒީ އިން އިބުރަތް ހާސިލް ކޮށް، ތިމާގެ ދިރިއުޅުން އަލުން އާރާސްތު ކުރުމަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން