ސްރީލަންކާގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ ގޮތައް ހަމަޖައްސައިފައިވާކަމަށް ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އަދި އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާކަމަށް އެކޮމިޝަނުން ހާމަކޮށްފައިވެއެވެ.

މި އިންތިހާބު ވެގެންދާނީ ދިގު ޒަމާންތަކެއް ވަންދެން ކުރިމަތިވި އެންމެ ބޮޑު މާލީ ދަތިކަމުން އަރައިގަތުމަށް އަދިވެސް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ސްރީލަންކާ އަށް މާލީ ގޮތުންނާއި ސިޔާސީ ގޮތުންވެސް ދެމެހެއްޓެނިވި މުހިންމު އިސްލާހުތަކެއް ކަނޑައެޅޭނެ ކަމަށް ބެލެވޭ އިންތިހާބެއް ކަމަށް ކަމާ ބެހޭ މާހިރުން ލަފާ ކުރެއެވެ. މިއިންތިހާބުގައި ސްރިލަންކާގެ 22 މިލިއަން މީހުންގެ އާބާދީ އިން 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެއެވެ.

ހުކުރު ދުވަހު ސްރީލަންކާގެ ރިޔާސީ އިންތިހާބު އިއުލާން ކުރުމާއެކު، ސްރީލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމަނިކުފާނުގެ ކެންޑިޑަސީ ހުށައަޅާފައެވެ. މިކަން ވަނީ އެމަނިކުފާނުގެ އޮފީހުން ހާމަކުރައްވާފައިވެއެވެ. ލަންކާގެ ރިޔާސީ އިންތިހާބު އިއުލާނު ކުރުމާއިއެކު އިންތިހާބުގައި ވާދަ ކުރެއްވުމަށް އެންމެ ފުރަތަމަ ހުށައެޅުއްވި ކެންޑިޑޭޓަކީވެސް ސްރީލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ.

އުމުރުން 75 އަހަރުގެ ވިކްރެމަސިންހަ ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތީ 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ ސްރީލަންކާގެ އިގުތިސާދު ނާޒުކު ހާލަކަށް ހުށައެޅުމާއިއެކު، އެގައުމުގެ އާންމު ރައްޔިތުން ނިކުމެ އޭރުއޮތް ސަރުކާރާ ދެކޮޅަށް މުޒާހަރާތަކެއްކޮށް، ކުރިން ވެރިކަން ކުރެއްވި ގޮޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވަން މަޖުބޫރުވުމުންނެވެ.

ސްރީލަންކާގެ މިހާރުގެ ރައީސް ވިކްރަމަސިންހަ ރައީސް ކަމާ ހަވާލުވެވަޑައިގަނެފައިވަނީ، ކުރީގެ ރައީސް ރާޖަޕަކްސް އިސްތިއުފާ ދެއްވުމާއެކު، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ބާކީ ދުވަސްތައް ފުރިހަމަ ކުރެއްވުމަށް، ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުން، ވިކްރަމަސިންހަ އިންތިހާބު ކުރެއްވުމާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން