އިސްރާއިލް ސިއްސުވާލާ ފަދަ ވަރުގަދަ އާ ހަތިޔާރެއް އިރާނުން ހިޒްބުﷲއަށް ފޯރުކޮށްދީފިކަމަށް އަރަބި ނޫހަކުން ރިޕޯޓްކޮށްފި އެވެ.

ކުވޭތުގެ ނޫހެއް ކަމަށްވާ އަލް ޖަރީދާއިން އިރާނުގެ ރިވޮލިއުޝަނަރީ ގާޑަކާ ހަވާލާދީ ބުނީ އިރާނުން ހިޒްބުﷲ އަށް ފޯރުކޮށްދީފައިވަނީ އިލެކްޓްރޯ މެގްނެޓިކް ބޮމެއް ކަމަށެވެ.

މި ވައްތަރުގެ ބޮމަކީ ރާޑަރުތަކާއި އަދި މުވާސަލާތީ ހިދުމަތްތައް އެއްކޮށް ހުއްޓުވާލާ ވަރުގަދަ ނުރައްކާތެރި ބޮމެއް ކަމަށް ވެސް ބުނެފައި ވެއެވެ. އެ ބޮން ހިޒްބުﷲއަށް ފޯރުކޮށްދީފައިވަނީ މީގެ ކުޑަދުވަސްކޮޅެއް ކުރިން ކަމަށް ވެސް އެ ނޫހުން ބުނެއެވެ.

އަލް ޖަރީދާއަކީ މީގެ ކުރިންވެސް މެދުއިރުމަތީގެ ސެކިއުރިޓީއާ ގުޅޭ ވަރަށް މުހިންމު މައުލޫމާތުތަކެއް ލީކުކޮށްލާފައިވާ ނޫހެކެވެ.

އެ ނޫހުން އެކަން ރިޕޯޓްކުރުމުން މިއީ އިރާނުން ރާވައިގެން އިސްރާއިލަށް ދިން ވަރުގަދަ މެސެޖެއް ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުން ނެވެ.

ފަހަކަށް އައިސް އިސްރާއިލާ ހިޒްބުﷲއާ ދެމެދު ކޮންމެ ދުވަހަކު ދަނީ ހަމަލާތައް ބަދަލުކުރަމުން ނެވެ. އަދި ދެންމެ ދެންމެ އެ ހަމަލާތައް ބޮޑު ހަނގުރާމައަކަށް ވެގެން ހިނގައިދާނެހެން ވެސް ވަނީ ހީވެފަ އެވެ.

އަދި ހިޒްބުﷲއިން ބުނަމުންދަނީ ހަނގުރާމައަަށް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

ހިޒްބުﷲއިން އިސްރާއިލަށް މި ފަހުން ހަމަލާ ދެނީ ޣައްޒާއަށް އިސްރާއިލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން