ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތަކުގެ ފަހަތުގައި ބިދޭސީން ދިރިއުޅެމުން ދިޔަ ނުތާހިރު އެކޮމޮޑޭޝަން ބްލޮކް އެންމެ ފަހުން އެޗްޑީސީން ސާފުކޮށްފި އެވެ.

އެ އެކޮމަޑޭޝަންގެ މައްސަލަ ފެންމަތިވީ އެތަނުގައި ގަވާއިދާ ހިލާފަށް ބިދޭސީން އުޅެމުންދާ ކަމަށް ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓުތަކާ ގުޅިގެން ނެވެ.

އެއާއެކު އިމިގްރޭޝަނުން ވަނީ އެތަނަށް ވަދެ ބަލައިފަ އެވެ. އަދި ސައްހަ ވިސާއެއް ނެތް ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވެސް ގެނެސްފައެވެ.

އިމިގްރޭޝަނުން ބުނީ، އެތަނަކީ ސާފުތާހިރު ކަމަށް އެއްވެސް ސަމާލުކަމެއް ނުދީ، އިޖުތިމާއީ މިންގަނޑާއި މުޅިން ހިލާފަށް، ބިދޭސީން އެމީހުންގެ ދިރިއުޅުމުގެ ކަންކަމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން އިއްޔެ ބުނެފައި ވެއެވެ.

ހަމައެއާއެކު އެޗްޑީސީން އިއްޔެ ބުނެފައިވަނީ ވިނަރެސް ސަރަހައްދުގައިވާ ވަގުތީ ސައިޓެއްގައި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރު ކުރަމުންދާ ކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެ މައްސަލަ ބަލައިފައިވާ ކަމަށެވެ.

އަދި ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން އެކަންތައް މިހާރު ހުއްޓުވައި އެތަންވެސް ސާފުކޮށްފައިވާ ކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން