ހިންދީ ފިލްމު 'ކޭލް ކޭލް މޭ' ގެ ޕޯސްޓަރެއް.
ހިންދީ ފިލްމު 'ކޭލް ކޭލް މޭ' ގެ ޕޯސްޓަރެއް.
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، އަކްޝޭ ކުމާރު ލީޑު ރޯލު އަދާ ކުރާ ހިންދީ ފިލްމު 'ކޭލް ކޭލް މޭ' ގެ ޓްރެއިލަރ ރިލީޒްކޮށްފިއެވެ.

މި ފިލްމުގެ ޓްރެއިލަރ ރިލީޒްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ފިލްމުގެ ޓްރެއިލާއިންވެސް މިއީ ބެލުންތެރިން ހެއްވާލާނެ މަޖާ ފިލްމެއްކަން އެނގިގެން ދެއެވެ.

މި ފިލްމުގައި އަކްޝޭ ކުމާރުގެ އިތުރުން، ވާނީ ކަޕޫރު، ފަރުދީން ޚާން، ތާޕްސީ ޕަންނޫ، އެމީ ވިރްކް، އަދިއްތިޔަ ސީލް، އަދި ޕްރަގްޔާ ޖައިސްވާލް ފަދަ ތަފާތު ތަރިންގެ ޓީމެއް އިސްކޮށް ފެނިގެންދެއެވެ. މިއީ މިހުރިހާ ތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުކަންވެސް ފާހަގަކޮށްލެވެއެވެ.

މިފިލްމުގެ މަސައްކަތް އިއުލާން ކުރުމާއެކު، އަކްޝޭއަށް ސަޕޯޓު ކުރާ އެތައް ސަޕޯޓަރުންނެއް މިފިލްމު ބަލާލަން ކެތްމަދުވެފައިވާކަމަށްވެސް އިންޑިއާގެ ބައެއް ނޫސްތަކުން މީގެ ކުރިން ރިޕޯޓުކޮށްފައިވެއެވެ. އެއީ މިފިލްމަކީ، ދުވަސްތަކަކަށް ފަހު ކޮމެޑީ ފިލްމަކުން އަކްޝޭ ފެނިގެންދާނެ ފިލްމަކަށް ވެގެންދާނެތީ ކަމަށް އެރިޕޯޓުތަކުން ލަފާކޮށްފައިވެއެވެ.

އަކްޝޭ މިފަހުން ގިނައިން ފެނިގެންގޮސްފައިވަނީ، އެކްޝަން ފިލްމުތަކުންކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، ހިންދީ ފިލްމު 'ކޭލް ކޭލް މޭ' ވެގެންދާނީ ދިގު މެދުކެނޑުމަކަށް ފަހު ފަރުދީން ޚާން ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

ހިންދީ ފިލްމަކުން ފަރްދީން ޚާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2010 ވަނަ އަހަރު ރިލީޒްކުރި 'ދުލްހާ މިލްގައީ' ފިލްމުންނެވެ. ނަމަވެސް މިއަހަރު ރިލީޒްކުރި ހިންދީ ވެބްސީރީޒް ހީރާމަންޑީގެ ރޯލަކުންވެސް ފަރްދީން ފެނިގެންގޮސްފައިވެއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ހިންދީ ފިލްމު 'ކޭލް ކޭލް މޭ' ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިހިނގާ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން