މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެމްއެމްއޭގެ ބޯޑުން މިއަދު ފާސްކޮށްފިއެވެ.

ރާއްޖޭގެ މީޑިޔާއަކަށް މައުލޫމާތު ދެއްވަމުން މަރުކަޒީ ބޭންކުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެމްއެމްއޭއަށް ގެންނަ އެންމެ ބޮޑު އެއް ބަދަލަކީ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު، މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލު ކުރުމެވެ. އަދި އެ ބަދަލާ އެކު، މިހާރު ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން އެޑްވައިޒަރުންގެ މަގާމަށް މިހާރު ޕްރޮމޯޓް ކޮށްފައިވާ ކަމަށެވެ.

އެމްއެމްއޭގެ އެމްޑީގެ މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގައި މަސައްކަތް ކުރާ މީހުންގެ އިތުރުން އާންމުކޮށް ހުޅުވާލާނެ ކަމަށް މިކަމާ ގުޅިގެން މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.

"މީގެ ސަބަބުން އެމްއެމްއޭގައި މިހާރު ތިބި ގާބިލު ފަރާތްތަކަށް އާ ފުރުސަތުތައް ހުޅުވިގެން ދާނެ. ފަންނީ ގާބިލު މީހުންނަށް އެމްއެމްއޭ އަށް ވަނުމަށް ވެސް ފުރުސަތު ހުޅުވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މީޑިޔާ އަށް މައުލޫމާތު ދެއްވަމުން އޮފިޝަލް ވިދާޅުވީ، މެނޭޖިން ޑިރެކްޓަރަކު ހަމަޖެއްސުމުން، އެމްއެމްއޭގައި މަސައްކަތްކުރަން ބޭނުންވާ ތައުލީމީ އަދި ތަޖުރިބާކާރު މީހުންނަށް ފުރުސަތު ފުޅާވާނެ އެވެ. އަދި އެ ބަދަލުތައް ގެންނަން ނިންމާފައި ވަނީ އެމްއެމްއޭގެ ބޯޑުގެ މަޝްވަރާގެ މަތިން އާ ގަވަރުނަރު އަހުމަދު މުނައްވަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާވެ، ހެޔޮ ނަތީޖާތަކެއް ނެރުމަށް ފަސޭހަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން