ވަރަށް ބޮޑަށް ބާވެފައިވާ މާލޭގެ ދެ އިމާރާތެއް ތަޅާލުން އަވަސްކޮށްދިނުމަށް އެދިއްޖެ އެވެ.

މާލޭސިޓީގައި ބޭނުން ނުކޮށް ބާވެ ގިނަ ދުވަސް ވެފައިވާ ޢިމާރާތްތައް ތަޅައިލުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ސިޓީސް ލޯކަލް ގަވަރމެންޓް މިނިސްޓްރީން ކަމާ ގުޅޭ މުއައްސަސާ ތަކާއެކު އިއްޔެ ވަނީ މަޝްވަރާތަކެއް ކޮށްފަ އެވެ.

ލޯކަލް ގަވާމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމްއާއެކު މާލޭ ސިޓީކައުންސިލްގެ މޭޔަރ އާދަމް ޢާޒިމްގެ އިތުރުން އެމްޓީސީސީއާއި، ރޯޑް ކޯޕަރޭޝަނާއި އަދި ވެމްކޯގެ ވެރިން ވެސް އެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ސްޓޭޓް މިނސްޓަރު މުހައްމަދު އިބްރާހިމް ވަނީ މާލޭގައި ވަރަށް ބޮޑަށް ބާވެފައިވާ 4 ބުރީގެ އިމާރާތަކާއި 6 ބުރީގެ އިމާރާތެއް ވަރަށް އަވަހަށް ތަޅައިލުމަށް އެހީތެރިވުމަށް މުއައްސަސާތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ އެފަދަ ޢިމާރާތްތަކަކީ ވަރަށް ގިނަ ބަޔަކު އުޅޭ ސަރަޙައްދުގައި ހުރި ޢިމާރާތްތަކެއް ކަމަށް ވުމާއެކު ނުރައްކާތެރި ޙާދިސާއެއް ދިމާވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން ޖެހޭ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ވަނީ މީހުން ދިރިނޫޅޭތާ ގިނަ ދުވަސް ވެ ބޮލަށް ވެއްޓޭ ވަރަށް ބާވެފައިވާ މ. ރަބީއުވިލާގައި އަލިފާނުގެ ހާދިސާއެއް ވެސް ހިނގައިފަ އެވެ. އެ ހާދިސާއާއި ގުޅިގެން ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް އޭރު ވިދާޅުވީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާވެ ކަމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން