މަގާމުން އިސްތިއުފާދެއްވުމަށްފަހު ގައުމު ދޫކުރައްވާ ފިއްލެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރިޔާސީ އިންތިހާބު އިއުލާންކުރުމުން އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް އެކަމަނާގެ ދަރިކަލުން ސަޖީބު ވަޒީދު ޖޯއީ ވިދާޅުވެއްޖެ އެވެ.

ބޮޑު ހަމަނުޖެހުމަކަށް ފަހު މި ހަފްތާގެ ކުރީކޮޅު އިސްތިއުފާ ދެއްވައި ގައުމުން ފިއްލަވައިގެން ވަޑައިގެންނެވި ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ މިހާރު ހުންނެވީ އިންޑިއާގަ އެވެ.

ޝެއިހް ހަސީނާގެ ދަރިކަލުން ސަޖީބު ވަޒީދު ޖޯއީ ވިދާޅުވީ ބަންގުލަދޭޝްގެ ރިޔާސީ އިންތިހާބު އިއުލާންކުރުމުން އެކަމަނާ އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

ހަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވަން ނިންމެވި ނަމަވެސް ބީބީސީއަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ދަރިކަލުން ސަޖީބު ވަޒީދު ޖޯއީ ވިދާޅުވެފައިވަނީ އެކަމަނާ އެނބުރި ސިޔާސީ މައިދާނަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

ބަންގްލަދޭޝްގައި ދަރިވަރުން ތަކެއް އިސްނަގައިގެން ހަސީނާގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާތަށް ފެށީ ސަރުކާރު ވަޒީފާތަކަށް މީހުން އިޚްތިޔާރު ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅު ހެދުމުގެ ގޮތުންނެެވެ.

ހަސީނާ އިސްތިއުފާ ދެއްވުމަށްފަހު ފިއްލެވީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ބޮޑުވަޒީރުގެ ގަނޑުވަރަށް މުޒާހަރާގެ ބައިވެރިން ވަނުމަށް މަސައްކަތްކުރަމުން ދިޔަ ދަނޑިވަޅެެއްގައެވެ. ހަސީނާ ފިއްލެވި ފަހުން މުޒާހަރާގެ ބައެއް ބައިވެރިން ގަނޑުވަރުގެ ތެރެއަށް ވަދެގަނެ އެތަނުގައި ހުރި އެއްޗެހި ލޫޓުވާލާފައިވެއެެވެ.

ހަސީނާއާ ދެކޮޅަށް ހަފްތާތަކެއް ވަންދެން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

އުމުރުން 76 އަހަރުގެ ހަސީނާ ވަނީ 2009 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި ވެރިކަން ކުރައްވައި، ޖެނުއަރީ މަހު ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އިންތިހާބު ކާމިޔާބު ކުރައްވައިފައެވެ.

ބަންގްލަދޭޝްގައި ހިނގި މުޒާހަރާތަކާ ގުޅިގެން ޕްރެޝަރު ބޮޑުވެ، އިސްތިއުފާ ދެއްވައި، ބޮޑު ވަޒީރު ޝައިޚް ހަސީނާ ގައުމު ދޫކުރައްވައި ވަޑައިގަތުމުން، އެގައުމުގައި މިހާރު ވަނީ ވަގުތީ ސަރުކާރެއް އެކުލަވާލާފައެވެ. ވަގުތީ ސަރުކާރު ހިންގުން ހަވާލުކޮށްފައިވަނީ ނޮބެލް އިނާމު ހޯއްދަވައިފައިވާ މުޙައްމަދު ޔޫނުސް އާއެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން