ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މާލެ ސަރަހައްދުގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި ހިންގީ ދިވެހި ތާރީހުގައި ވެސް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކުރީ ސަރުކާރުގައި ދޫކުރަން ނިންމި ގޯތިތައް މި ސަރުކާރުން ދޫނުކޮށް ލަސްކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ މެންބަރުން ވާހަކަ ދައްކާފައެވެ. އަދި އެ ސުވާލުތައް ހައުސިންގ މިނިސްޓަރު ހައިދަރަށް ވެސް ވަނީ އަމާޒުކޮށްފައެވެ.

އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ދެއްކި ވާހަކަތަކާއި ގުޅިގެން އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުންވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަލާޙް ވިދާޅުވީ، 1000 އަކަފޫޓުގެ ބިމެއްގެ އަގު 10 ވަރަކަށް މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އޭގެ 9،100 ގޯތި ދޫކުރުމަކީ އިންސާފެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެ ގޮތުން، ހުޅުމާލެއިން އެކަނި ދޫކުރި ގޯތިތަކުގެ އަގަށް ވެސް 5.4 ބިލިއަން ރުފިޔާ އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ގޯތި ދޭނަމަ އެންމެންނަށް ހަމަހަމަ އުސޫލަކުން ގޯތި ދޭންވާނެކަމަށް ފަލާޙް ވަނީ ވިދާޅުވެފައެވެ.

ފަލާޙް ވިދާޅުވީ، ގޯތި ދޫކުރުމާއި ލިސްޓެއް އެކުލަވާލުމާއި އެއީ ތަފާތު ދެ ކަމެއްކަމަށެވެ. އެގޮތުން ކުރީ ސަރުކާރުގައި ގޯތި ތަކެއް ދޫކޮށްފައިނުވާ ކަމަށާއި ހަމައެކަނި ކުރި ކަމަކީ ކަރުދާސްގަނޑެއްގައި ލިސްޓެއް އެކުލަވައިލުން ކަމަށާއި އޭރު ދޫކުރި ގޯތިތައް ހުރި ބިންތަކަކީ ހިއްކާފައި ވެސް ނެތް ބިންތަކެއްކަމަށެވެ.

ފަލާޙް ވިދާޅުވީ، މިއީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގުނު އެންމެ ބޮޑު އެއް ހިޔާނާތުގެ ގޮތުގައި އޭނާ ސިފަ ކުރައްވާ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އެމަނިކުފާނު ވަނީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ގޯތި ކަނޑާ ފަތް ހަވާލުކޮށް ނިންމާނީ އެމަނިކުފާނުގެ ސަރުކާރުގައި ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް، އެ ވެރިކަން ނިމިގެން ދިޔައިރު ވެސްގޯތިދޭން ހިއްކަން ނިންމި ބިންތައް ހިއްކަންވެސް ނުފަށާ ހުއްޓެވެ. އެކަމަކު އޭރު ސަރުކާރުންވަނީ ގޯތިތަކަށް އެދުމަށް ހުޅުވާލައި ގޯތި ލިބޭ މީހުންގެ ލިސްޓްތައް އެކުލަވާލާ އާންމު ވެސް ކޮށްފައެވެ. އަދި ބައެއް މީހުންނަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށް ހުޅުމާލޭގެ ބިމުން ގޯތި ކަނޑައި ހަވާލުކޮށްފައި ވެސް ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން